English Edition
Dhivehi Edition

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އިދިކޮޅުން ބުނެފިއެވެ.

މާރިޔާގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށް މަޝްވަރާ ކުރަން ޖެހުނީ ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް، ޢަބްދުއްޞަމަދު (ސަމަދުބެ) ބޭސް ފަރުވާއަށް ޢާއިލާއާއެކު އިންޑިއާގެ ބެންގަލޫރަށް ގޮސް ހުއްޓާ އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރ މާރިޔާ ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެން ނެވެ.

ޕީޕީއެމް، ޕީއެންސީން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްއަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވަނީ ސަމަދުބެއަށް މަލާމާތްކުރައްވަވާފައި ކަމަށެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އަވައްޓެރި ޤައުމެއްގެ އަސްކަރިއްޔާއަށް އެކި ގޮތްގޮތުން ގޮންޖަހައި އަޑުއުފުލާ ފައުޖެއްގެ ކުރީގައި ދިދަ ހިފައިގެން އުޅުއްވި ބޭފުޅެއްގެ ވާހަކަ މީޑިއާއަށް މިދޭތެރެއިން ތިލަވެގެން އުޅުނު ކަމަށެވެ.

އެ މައްސަލަ މަޖިލިހުގެ ތަޅުމަށް ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. ޝިޔާމް ވިދާޅުވީ އެމައްސަލަ އަންނަ އާދިއްތަ ދުވަހު މަޖިލީހަށް ހުށަހަޅާނެ ކަމަށާއި، މިނިސްޓަރު މާރިޔާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އެކަމާ ގުޅިގެން އިދިކޮޅު ހިމެނޭހެން ގިނަ ބައެއްގެ ފާޑުކިޔުން މާރިޔާއަށް އަމާޒުވެފައިވާ އިރު ، ދިވެހި ދަރިއަކާއި ދޭތެރޭ ޚާއްޞަކޮށް ދިވެހި ސަލާމަތީ ޚިދުމަތުގައި ގިނަދުވަސްތަކެއްވަންދެން ޚިދުމަތްކުރައްވާ ޝަރަފުވެރި ކަމާއިއެކު ރިޓަޔާ ކުރައްވާފައިވާ ސަމަދުބެއާދޭތެރޭ ދިފާއީ ވަޒީރުގެ ދަށުދަރަޖައިގެ ބަސްމަގަށް ޖަވާބުދާރީ ކުރުވަން މަޖިލީހަށް ހާޒިރު ކުރާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ..

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަމަ މަދުވެގެން ރައްޔިތުންގެ މަޖިލީހުގެ 10 މެމްބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް ހުށަހެޅިދާނެއެވެ.