English Edition
Dhivehi Edition
ޢުމަރު ޒާހިރު އޮފީސް ޢިމާރާތް - ފޮޓޯ: ރައީސް އޮފީސް

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ހުޅުމާލެއަށް ބަދަލުކޮށްފިއެވެ.

މިގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މާދަމާ އިން ފެށިގެން އެ މިނިސްޓްރީ ހިނގަމުންދާނީ ހުޅުމާލޭގެ (ފޭސް 1) އޯކިޑްމާ ހިނގުމުގައި ހުންނަ ޢުމަރު ޒާހިރު އޮފީސް ޢިމާރާތުގެ 3 ވަނަ ފަންގިފިލާގައި ކަމަށެވެ.

މީގެ އިތުރުން، މި ބަދަލާއެކު އެ މިނިސްޓްރީގެ ކައުންޓަރުތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ޢިމާރާތުގެ ގްރައުންޑް ފްލޯގައި ޤާއިމުކޮށްފައިވާ އެ މިނިސްޓްރީގެ ކައުންޓަރުން ކަމުގައިވެސް އިޢުލާނުގައި ބުނެފައިވެއެވެ.

ޢުމަރު ޒާހިރު އޮފީސް ޢިމާރާތަކީ 6 ފަންގިފިލާގެ އިމާރާތެކެވެ. އަދި ކޮންމެ ފަންގިފިލާއެއްގައި ޒަމާނީ ވަޞީލަތްތަކާއެކު 25000 އަކަފޫޓުގެ ބޮޑުމިނުގައި އޮފީސް ހިންގުމަށް ޖާގަ ހިމެނެއެވެ. މި އޮފީސް ޢިމާރާތާއި އެކު 21 ކާރާއި، 360 ސައިކަލު ޕާކު ކުރެވޭނެ ޕާކިން ޒޯނެއްވެސް ވަނީ ޤާއިމްކޮށްފައެވެ.