ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ހެޔޮއެދޭ އެއްވެސް މީހަކު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް ޔާމީންއަށްވެސް ރަގަޅީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުންކަމަށެވެ.
ސިޔާސީ ޕާޓީތައް އުފައްދައިގެން ގިނަ މީހުން މަސައްކަތްކުރަނީ އަމިއްލަ މަންފާ ހޯދައި ގާތް މީހުންނަށް މަންފާ ހޯދައި ދިނުމަށްކަން ފާހަގަކުރަމުން ޖާބިރު ވިދާޅުވީ ހަގީގީ މާނައިގައި ޑިމޮކްރަސީ އަދިވެސް ރާއްޖެ އަށް ނާންނަކަމަށެވެ. އަދި އެފަދަ ޑިމޮކްރަސީ އެއް ރާއްޖެ އަންނަން އަދި 10 ވަރަކަށް އަހަރު ނަގާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖާބިރު ވިދާލުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ވެރިކަމަށް ދެން ވަޑައިނުގަންނަވާނެކަމަށެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިނުގަންނަވާނެ މައިގަނޑު ސަބަބަކީ އެ މަނިކުފާނުގެ އަނިޔާވެރިކަމާއި މީހުންނަށް ކަމޭ ނުހިއްތެވުންކަމަށް ޖާބިރު ވިދާޅުވިއެވެ، އިތުރަށް ޖާބިރު ވިދާޅުވީ ރައީސް ޔާމީން މި ވަގުތު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ދިއުމާއެކު އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް ލިބި ވަޑައި ނުގަންނަވާނެކަމަށެވެ. އަދި ރައީސް ޔާމީން ދައްކަވާ ބޭފުޅަކަށް ވެސް ދެން ވެރިކަން ލިބިވަޑައިނުގަންނަވާނެކަން ފާހަގަކޮށް ޖާބިރު ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި ތިބި މީހުން ވެސް ރައީސް ޔާމީން އަށް ހެވެއް ނޭދޭކަމަށެވެ،