English Edition
Dhivehi Edition
ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށްފައިވަނިކޮށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޓިކެޓް އަތުލި މައްސަލަ އޭނާ ސިވިލް ކޯޓަށް ހުށަހަޅުއްވައިފިއެވެ.

ޖާބިރު ވަނީ ޓިކެޓް އަތުލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދިވަޑައިގެންފައެވެ.

ޓިކެޓް ފަހުން ދިން ކެންޑިޑޭޓްގެ ޓިކެޓް ހިފެހެއްޓުމަށް ވަގުތީ އަމުރެއް ނެރެދެއްވުމަށް ވެސް ޖާބިރު ވަނީ އެދިވަޑައިގެންފައެވެ.

ޖާބިރު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ ޓިކެޓް އަތުލާފައިވަނީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށްކަމަށެވެ.

“ކާށިދޫ ދާއިރާގެ ރައްޔިތުންގެ ތާއީދު ލިބިފައިވަނީކޮށް ރައްޔިތުންގެ ރުހުމާ ދެކޮޅަށް ދާއިރާގެ ޓިކެޓް ދީ އަޅުގަނޑުގެ އިންތިޚާބީ ޙައްޤަށް ވަނީ އަރާފަ,” ޖާބިރު ހުށަހެޅުއްވި މައްސަލއިގައި ވިދާޅުވެފައިވެއެވެ.

މުޖުތަމައުގެ އާއްމު މިންގަނޑާއި ޚިލާފަށް، ބޭއަދަބީ ބަހުރުވައިން ރައްޔިތުންނާއި މުޢާމަލާތްކޮށް، މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ އެމްޑީޕީން ވަނީ ޖާބިރުގެ ޓިކެޓް އަތުލައި އޭނާ އެ ޕާޓިން ވެސް ވަކިކޮށްފައެވެ.

ސިވިލް ކޯޓުގައި ޖާބިރު ހުށަހެޅުއްވި މައްސަލަ އަދި ރަޖިސްޓްރީއެއް ނުކުރެއެވެ.

އެމްޑީޕީން ވަކިކުރުމުގެ ސަބަބުން މަޖިލީހުގައި ވާދަކުރެއްވުމަށްފަހު ޖާބިރު ފޯމު ހުށަހެޅުއްވާފައިވަނީ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައެވެ. މިހާރު ކުރިއަށް މިދާ 19 ވަނަ މަޖިލީހަށް ވެސް ޖާބިރު ހޮވިވަޑައިގަތީ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައެވެ. ނަމަވެސް އޭނާ ވަނީ އެމްޑީޕީއަށް 2023 ވަނަ އަހަރު ސޮއިކުރަައްވާފައެވެ.