އައްޑޫސިޓީގެ މީދޫއާއި އިންވެގެން އޮތް އިސްމެހެލާހެރެ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަަމަވެ ސަރުކާރުން ލިބެންޖެހޭ ހުއްދަތައް ލިބި، މި މަހުގެ ތެރޭގައި ރިސޯޓު ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަަމަށް ސައުތު ޕާމް މޯލްޑިވްސް ގެ އެމްޑީ އަދި ސީއީއޯ މޫސާ ދީދީ ވިދާޅުވެއްޖެއެވެ.
އިސްމެހެލާހެރައިގެ މަސައްކަތް ކުރިއަށް ދާ ގޮތާ ބެހޭގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން މޫސާ ވިދާޅުވީ ގާބިލް މުވައްޒަފުންނާއެކު އޮޕަރޭޝަނަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަަމަށެވެ. ހަމަ އެއާއެކު މުޅިރަށް އެކީގައި މޮބަލައިޒް ކުރެވިފައިވާ ކަމަށާއި ފެނާއި ކަރަންޓާ ހުރިހާ ޚިދުމަތެއް އެރަށުގައި މިހާރު ގާއިމުކުރެވިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“ކޮމްޕްލީޝަން އޮފް ޓޯޓަލް މޮބަލައިޒޭޝަން. ޓޯޓަލް މޮބަލައިޒޭޝަން ގެ މާނައަކީ ފެނާއި ކަރަންޓާ ހުރިހާ ތަކެއްޗެއް އެއްކޮށް. މޮބަލައިޒް ކުރުމަށް ވަގުތީ އެއްވެސް އެއްޗެއް ދެން ގެންނާކަށް ނުޖެހޭނެ. ހަމަ އެއާއެކު ސަރުކާރުން ނަގަންޖެހޭ ހުރިހާ ހުއްދަ ނަގައި ނިމިއްޖެ. މި މަހުގެ 15 ހިސާބުގައި މޮކަޕް ރޫމްތައް އަޅަން ފަށާނެ. ބީއޯޕީ ޑިޕާޓްމަންޓުން ސާމާންތަކަށް އޯޑައި ނަގައި އެމަސައްކަތް މިއަދު ފަށައިފި. އޯޑަރ ނަގައި އޯޑަރ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް މިދަނީ ” ރިސޯޓުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފަައިވާ މިންވަރު މޫސަ ކިޔައި ދެއްވިއެވެ.
ސަތޭކަ ޕަސެންޓް ދިވެހި މުވައްޒަފުންނާއެކު އިސްމެހެލާހެރައިގެ މަސައްކަތް ފަށާފައިވާއިރު ޓެކްނިކަލް ބައިތަކަށް ބޭނުންވާ ހުރިހާ މުވައްޒަފުންވެސް މިހާރުވަނީ ހަމަކޮށްފައެވެ.
“މިހާރު 20 ސްޓާފުން ތިބޭނެ. މުޅި އޮޕަރޭޝަނުގެ ހުރިހާ އޭރިއާތައް މިހާރު މިވަނީ ކަވަރުކޮށްފައި. ޕްރޮޖެކްޖެކްޓް މެނޭޖަރ، އައިޓީ މެނޭޖަރަކާއި މެނޭޖަރ އެޑްމިން، މާކެޓިން މެނޭޖަރ، ޕާޗެސިން މެނޭޖަރ، ޗީފް އިންޖިނިއަރ، އެސިސްޓެންޓް އިންޖިނިއަރ ، ސިވިލް އިންޖިނިއަރ، ފައިނޭންޝަލް ކޮންޓްރޯލަރ، ގާޑަން އެންޑް ލޭންޑް ސްކޭޕިން މެނޭޖަރ މިހުރިހާ މަގާމުތަކުގައި މުވައްޒަފުން މަސައްކަތް މިވަނީ ފަށާފައި. ހުރިހާ މުވައްޒަފުންނަކީވެސް ދިވެހިން. މިތަނުގައި ވަޒީފާ އަދާކުރާނީ މުޅިންވެސް ދިވެހިން” މޫސަ ވިދާޅުވިއެވެ.
ރިސޯޓު ހެދުމުގެ މަސައްކަތުގައި އެންމެ ފުރަތަމަ އަޅާ މޮކަޕް ރޫމުތަކުގެ މަސައްކަތް އައުޓްސޯސް ކޮށްގެން ކުރިއަށް ގެންދާއިރު 2 ކުންފުންޏަކާ މިހާރުވެސް ވަނީ ވާހަކަ ދައްކާފައެވެ.
“ރިޕަޕްލިކް އިންޖިނިއަރިން އާއި ހޯގާޑް އާއި ވާހަކަ ދައްކަމުން މިދަނީ. މިހާރު ވާނީ ޑީޓެއިލް ޑްރޯވިންގ ތައް ވެސް ކުންފުނި ތަކާއި ހަވާލުކޮށްފައި. ރަނގަޅު އަގަކަށް މަސައްކަތްކޮށްދިނުމަށް އެއްބަސްވާ ފަރާތަކާއެކު ވީހާ އަވަހަކަށް އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން މިދަނީ. ޑިލޭއެއް ނާންނަ ނަމަ އެއް އަހަރުގެ މުއްދަތުގައި މަސައްކަތް ނިންމުން އެއީ އުއްމީދަކީ” ރިސޯޓާ ގުޅުވައިގެން އެތަނުގެ ހުރިހާ ސްޓާފުންވެސް ދެކޭ ހުވަފެނަކީ އެއީއެވެ.
މޮކަޕް ރޫމްސް ތަކާއެކު ރިސޯޓުގެ ހުރިހާ މަސައްކަތް އެކުއެކީގައި ކަހަލަ ގޮތަކަށް ދާއިރު ގެސްޓްފެސިލިޓީސް، ގާޑަނިން، ބެކްއޮފްދަ ހައުސް ފަދަ ހުރިހާ މަސައްކަތް ތަކެއް އެކީގައި ގެންގޮސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާލުމަކީ ހުރިހާ މުވައްޒަފުންގެ އުއްމީދެވެ. މި ޓާގެޓްގައި މަސައްކަތް ފަށާފައިވާއިރު މީގެ 2 މަސް ކުރިން އެ ރަށުގެ މަސައްކަތް ހުރި މިންވަރާ ބަލާއިރު ވަރަށް ބޮޑު ތަފާތެއް ދަނީ ފެންނަމުންނެވެ. ކަރަންޓް ދިނުމަށް ޕަވަރ ހައުސް އެއް ހަދާފައިވާއިރު މުވައްޒަފުންގެ ވަގުތީ ރޫމާއި ވަގުތީ އޮފީސް ސެޓަޕް ވެސް ވަނީ ނިންމާލާފައެވެ. ހަމަ އެއާއެކު ލޭންޑްސްކޭޕިން އާއި ގާޑަންގެ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށް ދާތަން ފެނެއެވެ.
“ޑީޓަލް ޑްރޯވިންގްސް އެޕްރޫވް ވެ ހުރިހާ ހުއްދަތަކެއް މިވަނީ ލިބިފައި. 2 ބޭންކަކުން މިވަނީ ލޯން ވެސް ހަމަޖެހުމުގެ މަގުމަތީގައި. 2 ޕްރޮޖެކްޓަށް ވެސް ގާތްގަނޑަކަށް ހަމަޖެހިފައި އޮތީ. އިނިޝިއަލް ފޭސްގެ މަސައްކަތަށް 2 ބޭންކަކުން ލޯނު ނަގާގޮތަށް ހަމަޖައްސާފައިމިވަނީ . އެ ލޯން ވެސް ހަމަޖެހިފައި މިއޮތީ. “މޫސަ ކިޔައިދެއްވިއެވެ.
1.5ކިލޯމީޓަރުގެ އިސްމެހެލާހެރަ ރިސޯޓެއްގެ ގޮތަށް ތަރައްގީކޮށް ހުޅުމީދޫގެ އިގްތިޞާދަށް އިތުރު ކުރިއެރުމެއް ހޯދައިދިނުމުގެ މަސައްކަތަކީ މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން އެއްވައުދެވެ. ސަތޭކަ ޕަސެންޓް ދިވެހިންގެ 1800 ވަޒީފާއާއެކު 2018 ވަނަ އަހަރު ހުޅުވުމަށް ތައްޔާރުވަމުންދާ މި ރިސޯޓަކީ ސަރުކާރުން ކުރިއަށް ގެންދާ ގެސްޓް ހައުސް އައިލެންޑް މަޝްރޫއުގެ ދަށުން ފެށި މަސައްކަތެކެވެ. 3 ޖުލައިގައި ރަސްމީކޮށް ސައުތު ޕާމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އިސްމެހެލާހެރަ ޕްރްޖެކްޓް ހަވާލުކުރުމާއެކު އެކުންފުނިން ރަށާ ހަވާލުވެ ، ހަލުވި ސްޕީޑެއްގައި މަޝްރޫއު މަސައްކަތް މިވަނީ ފަށާފައެވެ.
ފިޔަވަހި ތަކަކަށް ބަހާލައިގެން ތަރައްގީކުރާ މި ރިސޯޓުގައި 30 ވޯޓާ ވިލާއާއި 70 ބީޗް ވިލާއާ ތައްޔާރުކުރެވޭނެއެވެ. ރީތި ބޮޑު ކުޅިއެއް އޮތް އިސްމެހެލާހެރައިގެ ޕްރޮޖެކްޓް ނިންމާލެވޭއިރު އެތަނުގައި ހަދާ ސްޕާ، ތައްޔާރުކުރާނީ ބޮޓްނިކް ގާޑަން އެއްގެ ގޮތަށެވެ. މީގެ އިތުރުން އެރަށާ ކައިރީގައި އޮތް އެރަށުގެ އެއްބައި ކަމަށްވާ ކެޑެވާހެރަ އާއި ކުޑަ ބްރިޖަކުން ގުޅުވާލާ އެއީ ވީއައިޕީ އޭރިއާއެއްގެ ގޮތުގައި ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިސްމެހެލާހެރަ އައިލެންޑް އެންޑް ސްޕާގެ ފުރަތަމަ ފޭސްގެ މަސައްކަތް ތައް ނިންމާލެވޭއިރު މިއީ އައްޑޫގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެންދާނެ އިތުރު ކުރިއެރުމަކަށް ވެގެންދާނެކަން ޔަގީނެވެ.