English Edition
Dhivehi Edition

ޖުލައި މަހުގެ މެދު ތެރޭގައި ދެކުނު އިންޑިއާ ކަނޑުގައި އުފެދުނު ވަރުގަދަ ބާނިތަކެއްގެ ސަބަބުން މުޅި ރާއްޖެއަށް އުދައަރާފައިވާއިރު އައްޑޫ ސިޓީ މީދޫ އަށްވެސް ވަނީ ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށްފައެވެ. އުދައެރިތާ ތިން ދުވަސްފަހުން އިސްމަހެލަ ހެރެއާ ދިމާލުުން ފަޅު ތެރޭގައި ހުރާގަނޑެއް އުފެދިފައިވާއިރު އަކިރިއާއި ގަލުން ހިކިފައި އޮތް މާސިންގާ ހުރާގަނޑު ހިކިފައި އޮތީ އިސްމަހެލަހެރަ އާއި ކިލޯމީޓަރެއްހާ ދުރުން ހިތަދޫއާ ވީ ދިމާލަށެވެ. ތިން ހާސް ފޫޓް ދިގު، ތިރީސް ފަހެއް ނުވަތަ ސާޅީސް ފޫޓް ފުޅާމިނުގައި އުފެދުނު މި ހުރާގަނޑަށް މީދޫ ރައްޔިތުންވަނީ ‘ގައުހެރައިގެ’ ނަމުން ނަން ދީފައެވެ.

މި ހުރާގަނޑު ބަލާލުމަށް ގިނަ އަދަދެއްގެ ބަޔަކު އެތަނަށް ގޮސްފައިވާއިރު، އައްޑޫ މީދޫގެ ނަލަފެހި ޖަމިއްޔާއިން ވަނީ އެ ރަށަށް ގޮސް އެތަނުގައި މުޑި ކާއްޓާއި، އެ ސަރަހައްދުގައި ހެދޭނެހެން ހީވާ ކަހަލަ މަގޫ ގަސްތައް އިންދާފައެވެ.

ރަށްރަށް އުފެދެނީވެސް މިފަދަ ހުރާގަނޑުތަކުންނާއި ފިނޮޅުތައް ގިނަ ދުވަސްވަންދެން ދެމި އޮވެ އެތަނުގައި ގަސްގަހާ ގެހި އުފެދިގެންނެވެ. މީގެ ކުރިންވެސް ރާއްޖޭގެ އުދައިގެ ސަބަބުން ވަކި ތަނަކަށް ގާ ފުނި ޖެހި ބޮޑެތި ހުރާގަނޑު އުފެދިފައިވާއިރު އައްޑޫގައި އުފެދިގެން މި އުޅޭ ހުރާގަނޑަކީ ނިސްބަތުން ބޮޑު ހުރާގަނޑެއްކަމަށް ތިމާވެށީގެ މާހިރުންވަނީ ވިދާޅުވިއެވެ.

މި ހުރާގަނޑާއި ބެހޭގޮތުން އެންވަޔަރެމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވިދާޅުވީ ރަށްރަށް އުފެދުމުގެ އަސްލަކީހުރާގަނޑު އުފެދުންކަމަށާއި ވަކި ތަނެއްގައި ހުރާ، އަކިރި، ވެލި ޖަމާވެގެން ގިނަ ދުވަހު އޮތީމުން، ވެލި ފިނޮޅުތަށް ރަށްރަށަށް ބަދަލުވަނީކަމުގައެވެ. އަދި ބައެއް ފަހަރު ރަށަކަށް ބަދަލުވަމުން ދަނިކޮށް ގިރައިގެންވެސް ގޮސްދާނެކަމަށް ނަސީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަސީރު ވިދާޅުވީ ހުރާގަނޑެއް ވަކި ތަނެއްގައި ގިނަ ދުވަހު އޮންނަ ކަހަލަ ގޮތަކަށް ގުދުރަތީ ހުރިހާ ކަމެއް ގިނަ ދުވަސްތަކެއް ވަންދެން ހަމަޖެހިއްޖެނަމަ އެތަނުގައި ރަށެއް އުފެދިދާނެ ކަމަށެވެ. “ވެލި އެނބުރެމުން އެނބުރެމުން އެތަނުގައި ގިނަ ދުވަހު ޖަމާވެފައި ހުންނަ ކަހަލަ ގޮތަކަށް ކަނޑުގެ ލޮނުގަނޑާއި، ރާޅުތަކާއި، އެކަހަލަ ހުރިހާ ކަމެއް ވަކި ދުވަސްވަރަކަށް ހަމަޖެހުމުން ރަށެއް އުފެދޭނީ،” ޑރ. ނަސީރު ވިދާޅުވި އެވެ.

Photos: Lubna Majeed Mukthar

Posted by AO News on Wednesday, July 29, 2020