English Edition
Dhivehi Edition

2024 ގެ އަޒުމަކީ ގޯލްޑެން ފުޓްސެލް ޗެލެންޖް ކާމިޔާބުކުރުން ކަމަށް ގއ. ވިލިނގިލި ކައުންސިލުގެ ކައުންސިލް މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.

އިބްރާހީމް ރަޝީދު މިހެން ވިދާޅުވެފައިވަނީ އޭނާ ހިއްސާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އިބްރާހިމް ރަޝީދު ވިދާޅުވެފައިވަނީ 2024 ވަނަ އަހަރު އޮންނަ ގޯލްޑެން ފުޓްސެލް ޗެލެންޖްގައި ވިލިނގިލި ތަމްސީލްކުރާނެ ޓީމެއް ބައިވެރިވާނެކަމަށާއި އެ ޓީމް ލީޑް ކުރާނީ ސީދާ އެރަށު ކައުންސިލުން ކަމަށެވެ.

އިތުރަށް އެޕޯސްޓްގައި ބުނެފައިވަނީ، ދުރާލާ ރާވައިގެން ރަނގަޅު ތަމްރީންތަކެއް ކުޅުންތެރިންނަށް ފަހިކޮށްދޭނެކަމަށާއި 2024 ގެ އަޒުމަކީ ގޯލްޑެން ފުޓްސެލް ޗެލެންޖް 02 ވަނަ ބުރުން ކާމިޔާބުކުރުން ކަމަށެވެ. އަދި މިފަހަރު ވިލިނގިލި ޓީމަށް ކުޅުނު 14 ކުޅުންތެރިންނަށް އިސްކަމެއް ދެވޭނެކަމުގެ ޔަޤީންކަން އިބްރާހީމް ރަޝީދު ވަނީ އެ ޕޯސްޓްގައި ދެއްވާފައެވެ.

 

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރުގެ މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. އޭގެތެރެއިން، ގއ. އަށް ނިސްބަތްވާ 8 ޓީމެއް ކުޅޭއިރު، އެ އަށް ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ.

މިފަހަރުގެ މުބާރާތުގެ ފޯމެޓަށް ބަދަލެއް ގެނެސްފައިވާ އިރު، އަތޮޅު ބުރުގައި ސެމީގެ ދެ މެޗު ކުޅޭނެއެވެ. ކުރީގައި އޮންނަ ގޮތުން ލީގު ބުރު ނިމޭ އިރު، ދެ ގްރޫޕުގެ އެއްވަނަ ވެސް ޒޯނަށް ކޮލިފައިވެ، ޗެމްޕިއަންކަން ހޮވާނީ ސީދާ ފައިނަލަކުންނެވެ. މިހާރު ގެނެސްފައިވާ ބަދަލާއެކު ލީގު ބުރުގައި ގްރޫޕްތަކުގެ އެއްވަނަ އާއި ދެވަނަ ކޮލިފައިވާނީ ސެމީ ފައިނަލް ދެ މެޗަކަށެވެ. އެ ފޯމެޓާއެކު ހަ ޓީމަށްވުރެ އިތުރަށް ޓީމުތައް ބައިވެރިވާ އަތޮޅުތަކުން ޒޯނަށް ދާނީ ސެމީ ފައިނަލުން މޮޅުވާ ދެ ޓީމެވެ. ޗެމްޕިއަންކަން ހޮވާނީ ސެމީ ކާމިޔާބު ކުރާ ދެ ޓީމުގެ ދެމެދުގައި ކުޅޭ ފައިނަލް މެޗުންނެވެ.

މިއީ، ގޯލްޑެން ފުޓްސެލް ޗެލެންޖް 2023 ގައި ގއ. ވިލިނގިލި ޓީމެއް ބައިވެރިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.