English Edition
Dhivehi Edition

ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި “ވެށި ބާރު” ގެ ނަމުގައި ކޮމިޔުނިޓީ ޕްރޮގްރާމް ތަކެއް ހިންގުމަށް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަރވަރމެންޓް އާއި ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވެވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާސިޙް އެވެ. އަދި ސްކީމްގެ ފަރާތުން ސޮއިކުރެއްވީ ޖަމިއްޔާގެ ރައީސާ ޝިމްލާ އަޙްމަދެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 20 އަތޮޅެއްގައި 41 ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ޒުވާނުންނާއި ޢުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި އަދި ސްކޫލް ކުދިންގެ އިތުރުން ކޮމިޔުނިޓީ ލީޑަރުންނާއި ސީއެސްއޯސް ތަކާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް ޚާއްޞަ ކޮށްގެން ތަފާތު އެކިކަހަލަ ކޮމިޔުނިޓީ ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

” ވެށި ބާރު ޕްރޮގްރާމު އަތޮޅުތަކުގެ ތެރޭގައި ހިންގާއިރު އަޅުގަނޑުމެން ބަލާނީ އެ އަތޮޅެއްގައި ތިބި ރަށު ފެންވަރުގެ ޖަމިއްޔާތަކާއި އަދި ކައުންސިލް ތަކާއި ވެސް ގުޅިގެން ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް. އަދި ޕްރޮގްރާމުތައް ޑިޒައިން ކޮށްފައިވާނީ ކޮމިޔުނިޓީއާއި ވަރަށް ބޮޑަށް ގުޅިގެން ކުރިއަށް ގެންދެވޭ ޙަރަކާތްތަކެއްގެ ގޮތުގައި. އެ ގޮތުން އެކިއެކި މުއައްސަސާތަކާއި އަދި ޖަމިއްޔާ ޖަމާއަތް ތަކާއި އެކިއެކި ފަންނު ތަކުގައި ގާބިލް ބޭފުޅުންގެ ބައިވެރިވުމާއި އެކު ކުރިއަށް ގެންދެވޭ ޕްރޮގްރާމް ތަކެއްގެ ގޮތުގައި ހުރިހާ ޕްރޮގްރާމެއް ވެސް ކުރިއަށްދާނީ” ވެށިބާރު ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސްކީމްގެ ރައީސާ ޝިމްލާ ވިދާޅުވިއެވެ.

ޝިމްލާ ވިދާޅުވީ ވެށިބާރު ޕްރޮގްރާމުގެ ފުރަތަމަ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މާލޭގައި ކަމަށާއި ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ކުރިއަށް ގެންދާ ބޮޑު ހަރަކާތަކާއެކު ޕްރޮގްރާމް ލޯންޗްކޮށް ޕްރޮގްރާމުގެ މަސައްކަތް ފަށައި މި އަހަރުގެ އޮގަސްޓް މަސް ނިމުމުގެ ކުރިން ހުރިހާ ޕްރޮގްރާމް ތަކެއް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

ސްކީމަކީ 2019 ވަނަ އަހަރު ދެކުުނުގެ 4 އަތޮޅަށް އަމާޒުކޮށްގެން ރަޖިސްޓްރީ ކުރި ޖަމިއްޔާއެކެވެ. ސްކީމުން މިހާތަނަށް ވަނީ އައްޑޫ، ފުވައްމުލައް، ގދ. އަދި ގއ އަތޮޅުގައި ފާހަގަ ކޮށްލެވޭ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.