English Edition
Dhivehi Edition

ގއ. ވިލިނގިލީގައި ހުންނަ ގއ.އަތޮޅު ތައުލީމީ މަރުކަޒުގެ 43 ވަނަ އަހަރީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މި ދުވަސް ފާހަގަކުރުމަށް މި ހިނގާ ފެބްރުވަރީ 08 ވީ ބުދަ ދުވަހު ބޭއްވި ހާއްސަ އެސެމްބްލީ ޝަރަފްވެރިކޮށްދެއްވާފައިވަނީ ގއ. އަތޮޅު ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް އަލްފާޟިލް މުޙައްމަދު ޙަސަނެވެ. އަދި މަރުކަޒުގެ ޕްރިންސިޕަލް، ލީޑީން ޓީޗަރުންނާއި މުވައްޒިފުންގެ އިތުރުން ޕީ.ޓީ.އޭގެ ނާއިބް ރައީސް އާއި އެ ކޮމިޓީގެ މެމްބަރުން ވަނީ މި އެސެމްބްލީގައި ބައިވެރިވެފައެވެ.

މި އެސެމްބްލީގައި ވާހަކަ ދައްކަވަމުން މުޙައްމަދު ޙަސަން ވިދާޅުވީ، މި މަރުކަޒަކީ ގއ. އަތޮޅުގެ ރައްޔިތުން ޖާހިލު ކަމުގެ އަނދިރިން ނޫރާނީ އަލިކަމުގެ ތެރެއަށް ގެނެސްދިން ދަންމަރުކަމަށެވެ. އަދި މަރުކަޒުގެ އެހާރާއި މިހާރުގެ ތަޢުލީމީ ޙާލަތާއި، އެއް އަހަރުން އަނެއް އަހަރަށް ތަރައްޤީވަމުން އަންނަ މިންވަރާއި ހޯދަމުންދާ ފަޚުރުވެރި ކާމިޔާބުގެ މައްޗަށް އަލިއަޅުވާލައްވަމުން މުޙައްމަދު ހަސަން ވަނީ ކޮންމެ ކަމެއްކުރި ކަމުގައި ވިޔަސް އެކަމެއް ކުރާ ހިތުން ޝައުޤުވެރިކަމާއެކު ކުރުމަށް ދަރިވަރުންނާއި މުވައްޒަފުންނަށް ނަސޭޙަތްތެރިވެފައެވެ.

އެލް.ކޭ.ޖީ އިން ފެށިފެން ގްރޭޑް 12 އާއި ހަމަޔަށް ކިޔަވައިދެއްވާ މި ސުކޫލުގެ އަހަރީ ކޭކް ފެޅުމުގެ އިތުރުން ޕީ.ޓީ.އޭގެ ފަރާތުން “ބަދަހި މިތުރުންގެ ހަދިޔާ” ފޮތް މަރުކަޒަށް ތަކެތި ހަދިޔާ ކުރުމާއި ދަރިވަރުންނާއި މުވައްޒިފުންނަށް ކަޕްކޭކް ދިނުން ވެސް މި އެސެމްބްލީގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ހަމައެހެންމެ، މި ދުވަހާއި ގުޅިގެން އެ ދުވަހު ހަވީރު ވަނީ ވަނީ ޙާއްސަ ޕެރޭޑެއް ބާއްވާފައެވެ. މި ޕެރޭޑްގައި ދަރިވަރުންގެ ޔުނިފޯމްތަކާއި މަރުކަޒުގެ 4 ހައުސް ޖާޒީއާއި މަރުކަޒްގެ ކްލަބްތައް ރަމްޒުކޮށްދެވުނު، މި ޕެރޭޑްގައި މަރުކަޒާއި ބެހޭ ތަފާތު މައުލޫމާތުތަކެއް ފޯރުކޮށްދެވުނެވެ.

ގއ. އަތޮޅު ތައުލީމީ މަރުޒަކީ 08 ފެބްރުވަރީ 1980 ގައި ކޮމިއުނިޓީ ސްކޫލުގެ ނަމުގައި ހުޅުވުނު ސުކޫލެކެވެ. މި ސުކޫލަށް 43 އަހަރު ފުރުނުއިރު، މި ސުކޫލުގައި 672 ދަރިވަރުން ދަނީ ތައުލީމް ޙާސިލް ކުރައްވަމުންނެވެ.