ކޮންމެ ދިވެއްސަކީ ފުދުންތެރިކަމާއެކު ދިރިއުޅޭ މީހަކަށް ހަދާނެ ކަމުގައި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީ ކ. ގުރައިދޫ ޖަގަހަ ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
އެމަނިކުފާނުގެ ވާހަކައިގައި ފާހަގަކުރެއްވި ގޮތުގައި އެމްއެންޕީގެ އަމާޒަކީ އުފާލާ އަރާމާ އެކީ އާއިލާއާއެކު ހޭދަކުރެވޭ ބަޔަކަށް ދިވެހިން ހެދުން ކަމަށެވެ.
އެމްއެންޕީން މަސައްކަތްކުރަނީ ދިވެހިންނަކީ އުފާފާގަތިކަމާ އެކު ދިރިއުޅޭ ބަޔަކަށް ހަދަންކަން ފާހަގަކުރައްވާ، ޕާޓީގެ ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ އެ މީހުން މުހުދާތުތައް ފުއްދުމަށް އެއްވެސް ވަރެއްގެ ހާސްކާމެއް ނެތި އެކަން ކުރެވޭ ބަޔަކަށް ހެދުން ކަމުގަ އެވެ.
ކުރިއަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމްގެ ތަސައްވަރު ހާމަކުރައްވަމުން ވިދާޅުވީ އެމްއެންޕީން މި ބަލަނީ ރައްޔިތު މީހާގެ ބޭންކު އެކައުންޓަކީ ހިތްހަމަޖެހޭ ވަރަށް އެ އެކައުންޓުގައި ފައިސާ ހުންނަ އެކައުންޓަކަށް ހެދުން ކަމުގަ އެވެ.
މި ރަސްމިއްޔާތުގައި ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ވަނީ ގުރައިދުއަށް ހާއްސަކޮށްގެން އެމްއެންޕީން ކުރަން ރާވާފައިވާ ޕްލޭންތަކުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. ޕާޓީގެ ރައީސްގެ ވާހަކަ ނިންމަވާލަމުން ވިދާޅުވީ އެމްއެންޕީން މިނިކުންނަނީ ކ. ގުރައިދޫއަށް އަދި މުޅި ދިވެހި ރާއްޖެއަށް ހެޔޮ ބަދަލެއް ގެނައުމަށް ކަމުގަ އެވެ.
އެމްއެންޕީ ކ. ގުރައިދޫ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޕީގެ ލީޑަރޝިޕުގެ އިތުރުން ޕާޓީގެ މެންބަރުންނާއި ޕާޓީއަށް ތާޢީދުކުރާ ގިނަ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ. މި
ޖަގަހައާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކ. ގުރައިދޫ އަދި ކ. އަތޮޅުގައި ޕާޓީގެ ހަރަކާތްތައް ވަރުގަދަވެގެންދާނެ އެވެ.