English Edition
Dhivehi Edition

މަޝްހޫރު ލަވަކިޔުންތެރިޔާ މޫޝާން މުބާރިކް ރައްޓެހިން ކިޔާގޮތުންނަމަ މުންމުގެ ފުރަތަމަ ސޯލޯ އަލްބަމް އައްޑޫގައި ރިލީޒްކޮށްފިއެވެ.

އައްޑޫސިޓީ ހިތަދޫ ބޮޑުމަގުގައި ހުންނަ ޕާންޕިނޯސް ކުރިމަތީގައި ރޭ ބޭއްވި ހަފްލާގައި އަލްބަމް ނެރެދެއްވީ އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރު މުހައްމަދު ޔަސްރިފެވެ.

މި އަލްބަމަށް ނަންދީފައިވަނީވެސް އޭނާގެ އަމިއްލަނަން “މޫޝާން މުބާރިކް” ގެ ނަމުންނެވެ. އެ އަލްބަމުގައި ހިމެނެނީ އޮރެޖިނަލް 6 ލަވައާއި ރިމިކްސް ދެ ލަވައާއެކު ޖުމްލަ 8 ލަވައެވެ.

އެ އަލްބަމްގެ އަގަކީ 250 ރުފިޔާއެވެ. އެހެންނަމަވެސް ރޭ އަލްބަމް ވިއްކައިފައިވަނީ 200 ރުފިޔާއަށެވެ. އައްޑުއަށް ނިސްބަތްވާ މޫޝާންގެ ފުރަތަމަ ސޯލޯ އަލްބަމް މީގެ ކުރިންވަނީ މާލޭގައި ލޯންޗުކޮށްފައެވެ. މި އަލްބަމް އައްޑޫގައި ލޯންޗު ކުރުމަކީ އޭނާއަށް ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށްވެސް މޫޝާން ބުންޏެވެ.

ރޭގެ ހަފްލާ ހިނގަމުންދިޔައިރު ހަފްލާގެ ފޮޓޯތައް އިންސްޓަގްރާމް ކުރުމުގެ ފުރުސަތު ހުޅުވައިލިއެވެ. އޭގެ ތެރެއިން ހޮވުނު ފަސް މީހަކަށް މޫޝާންވަނީ ހަދިޔާ ދީފައެވެ. އަދި އެ ހަފްލާ އިންތިޒާމްކުރުމުގައި އެހީތެރިވި މީހުންނަށްވެސްވަނީ ހަދިޔާ ދީފައެވެ. އަލްބަމް ނެރުމުގެ ހަފްލާގައި މޫޝަންގެ އާއިލާގެ ބައެއް މެންބަރުންނާއި، ރައްޓެހި ރަހުމަތްތެރިންނާއި އޭނާގެ ބައެއް ފޭނުންވަނީ ބައިވެރިވެފައެވެ.

ރޭގެ ހަފްލާގައިވަނީ މިލްޒީރޯ އިން އައްޑޫގައި ކުރިއަށް ގެންދިޔަ ބޭސިކް ފޮޓޯގްރަފީ ވޯކޮޝޮޕް ނިންމި ދަރިވަރުންނަށް ސެޓްފިކެޓްދީފައެވެ. ސެޓްފިކެޓްތައް ހަވާލުކޮށް ދެއްވީ މޫޝާންގެ މަންމައެވެ.

ރޭގެ ހަފްލާގައި މޫޝާންވަނީ އޭނާގެ އަލްބަމުގައި ހިމެނޭ ބައެއް ލަވަތައް ހުށަހަޅައިދީފައެވެ.