މިއަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފަށައިފިއެވެ.
މި އިންތިހަބުގެ ކެމްޕެއިންގައި އުމަރު ރަސްމީކޮށް ބޭނުންކުރާނެ ސްލޯގަން އަކީ “އާ މިސްރާބަކަށް އުމަރު” އެވެ.
ރޭ ސަލްޓަންޕާކްގައި ކެމްޕެއިން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އުމަރު ވިދާޅުވީ ރައްޔިތުން ސިޔާސީ ޕާޓީތަކަށް ފުރުސަތު ދީފިކަމަށެވެ. އެހެންނަމަވެސް ރައްޔިތުން އެދެވޭ ބަދަލެއް އެފަރާތްތަކަށް ގެނެވިފައި ނުވާކަމަށް އުމަރު ވިދާޅުވިއެވެ. އެހެންކަމުން މިފަހަރު ރައްޔިތުން ހިޔާރުކުރަންވީ ކެންޑިޑޭޓަކީ އޭނާކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރުގެ ވެރިކަމެއްގައި ކުރުމަށް ނިންމާފައިވާ ކަންތައްތައް ހިއްސާކުރަމުން އުމަރު ވިދާޅުވީ ދިވެހިންގެ ހިތްތައް އަލިކޮށްދޭނީ އިސްލާމީ ނޫރުން ކަމަށާއި ދީނީ ތައުލީމުން ދިވެހި މުޖުތަމައު ފައްކާކުރެވޭނެކަމަށެވެ. މީގެ އިތުރުން ދިވެހި ދައުލަތުގެ ތެރޭގައި އިސްލާމްދީނުގެ ދައުރު، މުޅިން އެހެން ހަރުފަތަކަށް އުފުލާލާނެކަމަށް އުމަރު ވިދާޅުވިއެވެ. އަދި އިސްލާމީ އުސޫލުތަކާއި އިސްލާމީ ޝަރީއާގެ ހަމަތައް ވެގެންދާނީ އެ ދައުލަތުގެ އެންމެ މަތީ އުންސުރަށް ކަމުގައި އުމަރު ވިދާޅުވިއެވެ.
މީގެ އިތުރުން އުމަރު ވަނީ އަބަދުވެސް ދައްކާ ވާހަކަ ތަކުރާރުކޮށް މަސްތުވާތަކީ އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭނެކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރާނެކަމަށް އުމަރުވަނީ ވިދާޅުވެފައެވެ.