English Edition
Dhivehi Edition

އުރީދޫގެ “ގްރޯ ވިތު އުރީދޫ” ކެމްޕެއިންގެ އެމްބެސެޑަރަކަށް އައްޑޫ ސިޓީ މީދޫއަށް ނިސްބަތްވާ ޢަބްދުﷲ ރަމްޒީ، ނުވަތަ ޒުވާން ދަނޑުވެރިޔާ ޢައްޔަނުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އުރީދޫއިން މިއަދު ކުރި ޓްވީޓްތަކެއްގައެވެ.

އެގޮތުން އުރީދޫ މޯލްޑިވްސްގެ 2023 ވަނަ އަހަރުގެ ކަލަންޑަރު އިފްތިތާޙްކުރުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީ.ސީ.އޯ، ޙުސައިން ނިޔާޒު ވިދާޅުވީ މި އަހަރުގެ ކަލަންޑަރުގެ ތީމް ކަމަށްވާ ‘ގްރޯ ވިތު އުރީދޫ’ގެ ދަށުން ޤުދުރަތަށް ކުރާ ލޯބި އިތުރަށް އާލާކުރުމަށްޓަކައި އެ ކެމްޕެއިންގެ އެމްބެސެޑަރެއްގެ ގޮތުގައި ޒުވާން ދަނޑުވެރިޔާ، ޢަބްދުﷲ ރަމްޒީ ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ކުންފުނިން އުންމީދު ކުރަނީ މި އިންޓަރެކްޓިވް ކެލެންޑަރުގެ ސަބަބުން އަމިއްލައަށް ގަސްގަހާގެހި އިންދައި ގުދުރަތުގެ އަގުވަޒަން ކުރުމަށް ބާރުއެޅޭނެ ކަމަށް ކަމުގައިވެސް ނިޔާޒު ވިދާޅުވިއެވެ.

ޒުވާން ދަނޑުވެރިޔާގެ ނަމުން މަޝްހޫރުވެފައިވާ ރަމްޒީއަކީ ދަނޑުވެރިކަން ކުރުމަށާއި، ތާޒާ އުފެއްދުންތައް ފޯރުކޮށްދިނުމަށް ޚާއްޞަ ޝައުޤުވެރިކަމެއް ހުންނަ މީހެކެވެ. އޭނާ މަޝްހޫރުވެފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ސަބަބުންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރަމްޒީ ވިދާޅުވީ ގްރޯ ވިތު އުރީދޫ ކެމްޕޭން އެމްބެސެޑަރުގެ ހައިސިއްޔަތުން އުރީދޫއާ ގުޅިގެން ގުދުރަތާ ގާތްވެ، އަމިއްލަ ބަގީޗާތައް ހެއްދުމުގެ ޝައުޤު މީހުންގެ ކިބައިގައި އާލާކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.