އުރީދޫ މޯލްޑިވްސްއިން ދިވެހި ސަރުކާރުގެ އެއާ އެމްބިއުލާންސް ޚިދުމަތަށް 16 މިލިއަން ރުފިޔާގެ އިކުއިޕްމަންޓު ހަދިޔާކޮށްފިއެވެ.
އޫރީދޫން މި ތަކެތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްޙަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޙާލިދް އަލް-ހަމާދީ އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑއިގެންނެވިއެވެ.
އުރީދޫއިން ބުނީ، އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއްގެ ދަށުން މިއަދު ހަދިޔާކުރި ސްޕެޝަލައިޒްޑް އިކުއިޕްމަންޓްގެ އާ ބެޗަކީ ދަތުރުމަތީގައި ބަލިމީހުންގެ ފަރުވާ ރަނގަޅުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ޚިދުމަތް ދިނުމުގެ ގާބިލްކަން ފުޅާކުރުމުގެ ގޮތުން ފޯރުކޮށްދިން އެހީއެއް ކަމަށެވެ.
މި ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލްހަމާދީ ވިދާޅުވީ އެއާ އެމްބިއުލާންސް އިކުއިޕްމަންޓު ހަދިޔާ ކުރުމަކީ އުރީދޫއިން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފަޚުރުވެރިވާ މަސައްކަތެއް ކަމަށެވެ. އަދި ރާއްޖޭގެ މުޖުތަމައުގެ ސިއްޙަތާއި ދުޅަހެޔޮކަން ކަށަވަރު ކުރުމަކީ އުރީދޫގެ އަމާޒެއް ކަމަށާއި އުރީދޫގެ އަމާޒަކީ ސިއްޚީ ޚިދުމަތް ހޯދުމުގައި ދިމާވަމުން އަންނަ ދަތިތައް ހައްލު ކުރުން ކަމަށް ސީއީއޯ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ސިއްޙަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އޫރީދޫއިން ބައެއް ސަމާނުތައް ހަދިޔާކުރުމާއެކު މިއީ ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއްކަމަށެވެ. މި ތަކެއްޗާއެކު އާންމުންނަށް އެކަށީގެންވާ ފަރުވާ ލިބިދެވޭނެކަން ކަށަވަރުވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
އޫރީދޫއިން ވަނީ މާރޗްމަހު ރާއްޖޭގައި އެންމެ ފުރަތަމަ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރިއިރު ވެސް އެޚިދުމަތަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ.
ރައްޔިތުންނަށް އެކަށީގެންވާ ވަގުތުގައި އަދި ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި ގިނަގުނަ ގޮންޖެހުންތައް ދިމާވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރަށްތަކުގެ ދުރުމިނުގެ ސަބަބުން، އެކި ކަންކޮޅުތަކުގައި ތިބޭ ބަލިމީހުންނަށް އަވަހަށް އަދި ރައްކާތެރިކަމާއެކު ފަރުވާ ދިނުމަށްޓަކައި، ބޭނުންވާ ޞިއްޙީ އާލާތްތަކާއި ވަސީލަތްތައް ޤާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެ އަމާޒަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.
ރާއްޖެ އުފެދިފައި އޮންނަ ގޮތުން ހަމަހަމަކަމާއެކު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އައު ގޮތްތަކެއް ހޯދަންޖެހެކަންވެސް ވެސް ވަޒީރު އަބްދުﷲ ނާޒިމް ފާހަގަކުރެއްވިއެވެ.
ނާޒިމް ވަނީ އެއަރ އެމްބިއުލާންސް ތައާރަފުކުރިފަހުން މިހާތަނަށް ގިނަ ބަލިމީހުން އުފުލާފައިވާކަން ފާހަގަކުރައްވާ، އެ ޚިދުމަތަކީ ސިއްޙީ ދާއިރާއަށް ބޮޑު އިންޤިލާބެއް ގެނުވިކަމެއްކަން ފާހަގަކުރައްވާފައެވެ.