މަޝްހޫރު ރިއަލިޓީ ސްޓަރ އަދި މޭކަޕް މޮޑެލް ކައިލީ ޖެނަރ ފިރިހެން ދަރިފުޅުގެ ފޮޓޯ ހިއްސާކޮށް، ނަން ވެސް ހާމަކޮށްފިއެވެ.
ކައިލީގެ ދެވަނަ ދަރިފުޅު ވިހެއިފަހުން މިހާތަނަށް ކުއްޖާގެ ފޮޓޯ އަދި ނަންވެސް ހާމަކޮށްފައި ނުވެއެވެ. ކައިލީ އިންސްޓަގްރާމް ގައި ހިއްސާކުރި ފޮޓޯގެ ކެޕްޝަން ގައި ޖަހާފައިވަނީ “އެއަރ” އެވެ. ފޮޓޯ ހިއްސާ ކުރުމާއެކު ފޭނުން ދަނީ “އެއަރ ވެބްސްޓަރ” މިނަމަށާއި އެކުއްޖާގެ ރީތި ކަމަށް ތައުރީފު ކުރަމުންނެވެ.
ކައިލީގެ ގާތްމީހަކު ބުނެފައިވާ ގޮތުގައި އޭނާ ފިރިހެން ދަރިފުޅަށް ބަނޑު ބޮޑު ވުމުން ގިނަވަގުތު އަރާމު ކުރުމުގައި ހޭދަކުރިއެވެ. އަދި ކުޑަ ކުއްޖަކު ގޮވައިގެން ދެވަނަ ދަރިފުޅަށް ބަނޑު ބޮޑުވެ ވިހެއުމަށް ފަހުވެސް ކަންތައް އެހައި ފަސޭހަ ނޫން ކަމަށާއި އެކަމާ ވަރަށް ބޮޑަށް ކައިލީ “ސްޓްރެސް” ވިކަމަށް އޭނާ ބުނެފައިވެއެވެ.
ކައިލީ ކުއްޖާގެ ނަމާއި ފޮޓޯ ހިއްސާ ކޮށްފައި މިވަނީ އޭނާ އާއި ކުދިންގެ ބައްޕަ ޓްރެވިސް ސްކޮޓް އާއި ދެމީހުން ތިން ވަނަފަހަރަށް ވަކިވެފައިވާ ކަމުގެއަޑު ފެތުރިފައި ވަނިކޮށެވެ. މި ދެމީހުންނަށް މީގެ ކުރިން އަލަތު ދަރިފުޅު ސްޓޯމީ ލިބުމުގެ ކުރިންވެސް ރުޅިވެފައި ވެއެވެ. އޭގެފަހުން ރައްޓެހިވެ ސްޓޯމީ ވެބްސްޓަރ އަށް ބަނޑު ބޮޑުވެފައި ވަނިކޮށްވެސް ރުޅިވެފައި ވާކަމަށް އަނެއްކާ އަޑު ފެތުރުނެއެވެ. އެއަށްފަހު ސްޓޯމީ ވިހެއުމަށް ދެމީހުން ގުޅި އެކޮށް އުޅެން ފަށާފައި ވާކަމަށް ބޭރުގެ މަސްދަރުތަކުން އޭރު ހާމަކޮށްފައި ވެއެވެ.
ކައިލީ އާއި ޓްރެވިސްގެ ގުޅުން ކޮންމެ ފަހަރަކު ނިމިދިޔަ ކަމުގައި ވިނަމަވެސް ދަރިން ބެލެހެއްޓުމުގައި ދެމީހުން އުޅެނީ ގުޅިގެންނެވެ.
ކައިލީއާއި ރެޕާ ޓްރެވިސް ސްކޮޓް އަނެއްކާ ވަކިވެފައި ވާ ކަމަށް އަޑު ފެތުރިފައިވި ނަމަވެސް މިފަހަރުވެސް މި ގުޅުން ނިމި ފައިވާކަމަށް މި ދެމީހުންގެ އާއިލާގެ އިތުރުން ގާތް އެއްވެސް މީހަކު ކަށަވަރުކޮށް ދީފައި ނުވެއެވެ.