އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަން އަށް ކުޅެމުން އައި ބެލްޖިއަމް މިޑްފީލްޑަރު ލިއަންޑްރޯ ޓްރޮސާޑް އާސެނަލް އަށް ސޮއިކޮށްފިއެވެ.
އުމުުރުން 28 އަހަރުގެ މިޑްފީލްޑަރު އާސެނަލް އަށް ސޮއިކުރީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން 21 މިލިއަން ޕައުންޑްގެ ފީއަކަށް ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ދާއިމީ އެއްބަސްވުމެއްގެ ދަށުން ޓްރޮސާޑް އާސެނަލް ސޮއިކުރިއިރު، އާސެނަލް މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ލީގުގައި ދެން ކުޅެން އޮތް މެޗުގައި އޭނާ ފެނިގެން ދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ޓްރޮސާޑް އަކީ ބްރައިޓަންގައި މޮޅު ކުޅުމެއް ދައްކަމުން އައި ކުޅުންތެރިއެކެވެ. އޭނާ ބްރައިޓަން އަށް ބަދަލުވީ 2019 ވަނަ އަހަރުގެ ޖޫން މަހުގައި ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އޭނާ ވަނީ ބްރައިޓަންއަށް މި ސީޒަނުގައި މިހާތަނަށް ކުޅެދިން 17 މެޗުގައި ހަތް ގޯލު ޖަހައިފައެވެ. އަދި އެޓީމުގައި ހޭދަކުރި ދުވަސްތަކުގައި ޖުމުލަ 122 މެޗު ކުޅެދީ 25 ގޯލު ޖަހައިދީފައިވެއެވެ.