އަންނަ އަހަރު ނިމުމުގެ ކުރިން، މައިމީހާގެ ފަރާތުން އެޗް.އައި.ވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ގައުމަކަށް ރާއްޖެ ހެދުމުގެ އަމާޒަށް މަސައްކަތްކުރަމުން ގެންދާަކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއެވެ.
މިއަހަރުގެ ދުނިޔޭގެ އެއިޑްސް ދުވަހުގެ ފާހަގަކުރުމަށް ބެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއް ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގައި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ގާބޫލުކުރާ ފެންވަރަށް ރާއްޖޭގައި މި ބަލި ނައްތާލެވިފައިވާ ގައުމަކަށް ހެދުންކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ އެއިޑްސްފަދަ ބަލިތަކަށް ފަރުވާ ދިނުމަށް ތިން ގައިޑްލައިނެއް ވެސް އިފްތިތާހްކޮށްފައެވެ. އެއީ ” ނޭޗަނަލް ގައިޑްލައިންސް އޮން އެޗް.އައި.ވީ، ވައިރަލް ހެޕަޓައިޓިސް ސެކްޝުއަލީ ޓްރާންސްމިޓެޑް އިންފެކްޝަންސް” ގައިޑްލައިނެވެ.މި ގައިޑްލައިންގެ ސަބަބުން އެފަދަ ބަލިތައް ޖެހިފައިވާ މީހުންނަށް ދޭންޖެހޭ ރައްކާތެރިކަމާއި އޯގާތެރިކަމާއި އަޅާލުން ނިޒާމުގެ ތެރެއިން ދެމުންގެންދާކަން ސިއްޙީ ދާއިރާއިން ކަށަވަރުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އެއިޑްސް ބަލި ކުރިން ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރައްވައި އެފަދަ ކަމަކަށް ޝައްކުކުރެވޭނަމަ ވީހާވެސް އަވަހަށް ޓެސްޓް ކުރުމަށް ވެސް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. އަދި މިފަދަ ކަންކަމުން އަރައިގަތުމަށް ޤައުމެއްގެ ގޮތުގައި އެކުއެކީގައި އެންމެން މަސައްކަތް ކުރުމުގެ މުހިންމުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެޗްއައިވީ އެއިޑްސް އަދި ހެޕަޓައިޓިސް ފަދަ ބަލިތަކަށް ފަރުވާދިނުމާއި، މިކަމަށް މީހުން ހޭލުންތެރިކުރުމާއި ފަރުވާގެ ކަންކަން ރަނގަޅުކުރުމާއި ގުޅެގޮތުން ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންގޮސްފައެވެ. މި ޕެނަލްގައި ބައިވެރިވީ ރާއްޖޭގައި މިފަދަ ބަލިތަކަށް ފަރުވާކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޑޮކްޓަރުންނެވެ.