English Edition
Dhivehi Edition
ފުލުހުންގެ 34 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕޮލިސް

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ހިންގި ފުލުހުންގެ 34 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި އެހެނިހެން ބައެއް ޢިއްޒަތްތެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ފުލުހުންގެ 34 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް މުޙައްމަދު މިޝްދާދް މީޝާޤްއެވެ. އެ ދަރިވަރަށް، ކޮމިޝަނަރ އޮފް ޕޮލިސް އެކްސެލެންސް އެވޯޑު ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.

ކޯހުގެ އިންޑޯ މާއްދާތަކުން އެއް ވަނަ ދަރިވަރަކަށް ޕޮލިސް ކޮންސްޓަބަލް އާމިނަތު ހަމީޒާ އަޙްމަދު ހޮވުނުއިރު، އައުޓްޑޯ މާއްދާތަކުން އެއް ވަނަ ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް އާސިޔަތު ސުޒީއެވެ. އަދި އެންމެ މޮޅު ސްކޮޑަކަށް ހޮވިފައިވަނީ އާނެއްލާ ސްކޮޑެވެ.

ފުލުހުން ހާމަކުރާ ގޮތުގައި 2022 އޮގަސްޓް 7 ވަނަ ދުވަހުން ފެށިގެން މި ޖަނަވަރީ މަހުގެ 13 އަށް ކުރިއަށް ގެންދިޔަ މި ކޯހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި ޢިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. އެގޮތުން، ދީނީ ވާޖިބުތަކާއި އިސްލާމީ ރިވެތި އަޚްލާޤާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސްގެ މައުލުމާތާއެކު ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ.

48 އަންހެން ބައިވެރިންނާއި 149 ފިރިހެން ބައިވެރިން ބައިވެރިވި މި ކޯސް 164 ބައިވެރިން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވެއެވެ.

34 ވަނަ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ތާރީޚުގައިވެސް އެންމެ ގިނަބަޔަކު ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ކޯހެވެ. މި ކޯހަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ކުރިއަށް ގެންދިޔަ އަސާސީ ތަމްރީނުގެ ފުރަތަމަ ކޯހެވެ.

ރޭގެ ރަސްމިއްޔާތު ނިންމާލާފައިވަނީ ކޯހުގެ ދަރިވަރުންގެ ރޫޓް މާޗަކުންނެވެ.