މި ސަރުކާރުން ގެންގުޅެނީ ދެކޮޅު ނުޖެހޭ ވަރަށް ކޮމިއުނިސްޓް ވިސްނުމެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕައިނަށް ރ.ހުޅުދުއްފާރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ މިއަދު ފެންނަމުން ދަނީ ސަރުކާރުގެ ކުންފުނިތަކަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ވައްދައިގެން އެކުންފުނިތައް ބޮޑުކުރަމުން އަންނަ މަންޒަރު ކަމަށެވެ. މިފަދަ ވިސްނުންތަކަކީ ވަރަށް ކޮމިއުނިސްޓު މުޑުދާރު އަދި ދެކޮޅު ނުޖެހޭ ވިސްނުމެއް ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން އަތުން ނަގަމުންދާ ޓެކްސް އާއި ޖީއެސްޓީން ސަރުކާރުގެ ކުންފުނިތައް ބޮޑުކުރުމުން އެއިން ރައްޔިތުންނަށް އެއްވެސް ފައިދާ ނުވާނެކަމަށެވެ.
“ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ރައްޔިތުންނަށް ފައިދާވާ ތަންތަނެއް ނޫން. އެތަންތަން ހިންގުމަށާއި މުވައްޒަފުންގެ މުސާރައިގެ އިތުރުން އެތަންތާނުގެ ހަރަދުވެސް ހިންގަމުންދަނީ ރައްޔިތުންގެ ފައިސާއިން”
އެމްޑީޕީގެ ސިޔާސަތުތައް އަބަދުވެސް އަމާޒު ކުރަނީ އަމިއްލަ ވިޔަފާރި އުފައްދާ އެވިޔަފާރި ކުރިއަރުވުންކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ މީސްމީހުންގެ ވިޔަފާރި ކުރިއަރުވާ އެ ވިޔަފާރި މެދުވެރިވެގެން ރަށް ތަރައްޤީ ކުރުމާއި ވަޒީފާގެ ފުރުސަތު އިތުރުކޮށް އާމްދަނީ އިތުރުކުރަންކަމަށެވެ، ސަރުކާރުގެ ކުންފުނިތައް ބޮޑުކުރަމުންދާ ދިއުމަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވަނީ ސަރުކާރުގެ ވިޔަފާރި ބޮޑުކުރުމަށް މަސައްކަތްކުރުމަކީވެސް އަމިއްލަ ވިޔަފާރިއަށް އެޅޭ ހުރަހެއްކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ވަކާލާތުކުރީ މިނިވަން ހިޔާލުފާޅުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ހޯދައިދީ އެއްވެސް ނުފޫޒެއްނެތި އެމީހަކު ބޭނުންވާ ފަރާތަކަށް ވޯޓުލުމުގެ ހައްޤު ހޯދައިދިނުމަށް ކަމަށެވެ.