ހަލަބޮލި ކަމަށް ލޯބިކުރާ މީހަކަށް ހަމަޖެހުމެއް ނުގެނެސްދެވޭނެކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަނެއްކާވެސް ރައީސް މުހައްމަދު ނަޝީދު އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސާލިހް އަށް ތާއިދުކުރައްވާ ރޮޒައިނާ އަކީ އަބަދުވެސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ނަޝީދު އަށް ރައްދު ދެއްވާ މެމްބަރެކެވެ. މި ގޮތުން ރައީސް ނަޝީދަށް ފާޑުވިދާޅުވެ ރޮޒައިނާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ހަލަބޮލި ކަމަށް ލޯބިކުރާ މީހަކަށް ހަމަޖެހުމެއް ގެނެސް ނުދެވޭނެ ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދުގެ ވެރިކަމުގައި ގައުމަށް ހަމަޖެހުމެއް ނުލިބޭނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރައީސް ސާލީހްއަށް ތައުރީފުކުރައްވާ ރޮޒައިނާ ވިދާޅުވީ އެ މަނިކުފާނަކީ ހަމަޖެހުމަށް ލޯބިކުރައްވާ ބޭފުޅެއް ކަމަށާއި އެހެންކަމުން ވެރިކަން ކުރެވޭނީ ރައީސް ސާލިހްއަށް ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭން ފޯރިގަދަވެފައިވާ މި ދުވަސްވަރު ރައީސް ނަޝީދު އަށް ތާއިދުކުރައްވާ މެމްބަރުންނާއި ރައީސް ސާލިހް އަށް ތާއިދުކުރައްވާ މެމެބްރުންގެ މެދުގައިވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވުންތައް އުފެދިފައެވެ. އަދި ކެމްޕެއިން ޖަލްސާތަކުގައި ރައީސް ނަޝީދު މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަންނައިރު ރައީސް ސާލީހްވެސް އަންނަނީ އެ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.