ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ސައްލާކުރައްވަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ލަދުފުޅު ގަންނަން ޖެހޭ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެ އެވެ
ނަޞްރުގެ ދުވަހުގެ ޒިކުރާ އާކުރުމަށް ވެރިކަންކުރާ ޕާޓީ ޕީޕީއެމުން ބޭއްވި “އަސްތާ” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާނު ވިދާޅުވީ ތިނެއް ނޮވެމްބަރުގެ ޙާދިސާއަކީ ނުހިގާ ކަމެއްކަން ދެއްކުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ ސަރުކާރުން އޭރު މަސައްކަތް ކޮށްފައިވާ ކަމަށާއި ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްފަހު ވެރިކަމުން އިސްތިއުފާ ދެއްވުމާ ހަމައަށް ދިވެހިން އަބަދުވެސް ޒިކުރާ އާކުރަމުން ދިޔަ ނޮވެމްބަރު ތިނެއް ފާހަގަކުރުން ފަނޑުވަމުން ދިޔަކަމަށެވެ. މީގެ އިތުރުން ނިހާން ވިދާޅުވީ އެ ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވުނު މީހުންނަށް އޭރެ އެމްޑީޕީ ސަރުކާރުން އިސް މަގާމުތަކެއް ވެސް ދީފައިވާކަމަށާއި އެހެންކަމުން ނަޝީދު އާއިއެކު މަސައްކަތް ކުރަން މައުމޫން ލަދުފުޅު ގަންނަން ޖެހޭނެ ކަމަށެވެ.
އެމްޑީޕީ އާއި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑިވިދާޅުވެ ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ މައުމޫންގެ ވެރިކަމުގައި ގެނައި އިސްލާމީ ހުރިހާ އުސޫލުތަކެއް ނައްތާލަން ނަޝީދުގެ ވެރިކަމުގައި މަސައްކަތް ކުރެއްވި ކަމަށާއި އެގޮތުން ހައްދު ޖެހުމާ ދެކޮޅަށް ވާހަކަ ދެއްކުމާއި އެހެން ދީންތަކަށް ފުރުސަތު އޮތްތޯ ބެއްލެވުމަށް ނަޝީދު މަސައްކަތް ކުރެއްވިކަމަށެވެ.