English Edition
Dhivehi Edition
ޕީޕީއެމް އިން ބޭއްވި މުޒާހަތާއެއްގެ ތެރެއިން - ފޮޓޯ: ޕީޕީއެމް

ޕްރޮގްރެސިވް ކޯލިޝަންގެ މައްޗަންގޯޅި މެދު ދާއިރާގެ ރައީސް އިބްރާހީމް ޒަމީލް އާއި ހެންވޭރު ސްޓިއަރިންގ ކޮމިޓީގެ މެންބަރު ޢަބްދުﷲ ޢަދުލީ މިހާރުން މިހާރަށް ދޫކޮށްލުމަށް އެ ޕާޓީން ގޮވާލައިފި އެވެ.

އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިޙުތިޖާޖުތަކުގައި ފުލުހުން ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށް އަނިޔާވެރިވަމުންދާތީ އެކަން ކުށްވެރިކޮށް، ސިޔާސީ ނުފޫޒުން މުއްދަތު ޖަހާފައިވާ ޒަމީލް އާއި އަދުލީ މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.

ދިވެހި ރައްޔިތުން މާލޭގެ މަގުތަކަށް އެއްވެ އަޑު އުފުލަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ ޙައްޤާއި އެއްވެ އުޅުމުގެ ޙައްޤު ގެ އިންތަކުގެ ތެރޭގައި ކަމަށާއި އެހެންނަމަވެސް އެއްވެ ތިބޭ މީހުންނާއި ދިމާއަށް ފުލުހުންގެ ވެހިކަލް ބާރަށް ދުއްވާފަ ވަނުމާއި ފަހަތުން ދުވެ ގޮސް ސުލްޙަވެރިކަމާއެކު މަޑުން ތިބޭ މީހުންގެ ގަޔަށް އަރައިގަނެ، އެއްވެސް ބެލުމެއް ނެތި އަނިޔާވެރިކަމާއެކު ހިފައިގަނެ އަނިޔާ ދެމުންދާކަން އެ ކޯލިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

“މިފަދަ ލާ އިންސާނީ ޢަމަލުތައް ހިންގާ ފުލުހުންނާމެދު އެއްވެސް މުއައްސަސާ އަކުން ފިޔަވަޅެއް ނާޅާތީއާއި ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ފަދަ މުއައްސަސާތަކުން އެއްވެސް އެއްޗެއް ނުބުނެ ހަނު ތިބުމަކީ ބަލައިގަނެވޭ ކަމެއް ނޫނެވެ.
އޭގެ އިތުރުން ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދެވޭ އިޙުތިޖާޖުތަކުގެ ތެރެއިން މިކޯލިޝަންގެ މައްޗަންގޯޅި މެދު ދާއިރާގެ ރައީސް އިބްރާހީމް ޒަމީލް އާއި ހެންވޭރު ސްޓިއަރިންގ ކޮމިޓީގެ މެންބަރު ޢަބްދުﷲ ޢަދުލީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާވެރިކަމާއެކު ހައްޔަރުކުރުމަށްފަހު، އެއްވެސް އަސާސެއް ނެތް ގޮތެއްގައި ދޮގު ބަޔާންތަކެއްގެ މައްޗަށް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަކީވެސް ސަރުކާރުގެ އިދާރާތަކުގެ ނުފޫޒުން ކޮށްފައިވާ ކަމެއް ކަމުގައި ދެންނެވީމެވެ.” އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން ޒަމްޕެ އާއި ޢަބްދުﷲ ޢަދްލީ އެއްވެސް ޝުރަތެއް ނެތި މިހާރުން މިހާރަށް ދޫކޮށްލުމަށާއި މިކަންކަން ހިޔުމަންރައިޓްސސް ކޮމިޝން އޮފް ދަ މޯލްޑިވްސް އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ފަދަ މުއައްސަސާތަކުން ގާތުން ބައްލަވާ ސިޔާސީ ނުފޫޒުން އެއްކިބާވެގެން ތިބެ، އެބޭފުޅުންނާއި ޤާނޫނުން ޙަވާލު ކުރެވިފައިވާ ޒިންމާ އަދާ ކުރެއްވުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ހަރާން ހުކުމެއް ޖަހާ، ޖަލަށް ގެންގޮސްގެން އެމަނިކުފާނަށް ދެމުން ގެންދާ އަނިޔާއާއި ދެކޮޅަށް ދިވެހި ރައްޔިތުން މާލޭގެ މަގުތަކުގައި ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދާ އިޙުތިޖާޖު ތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރާ ކަމީ އެ ކޯލިޝަނުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް ކަމަށް ވެސް ބުންޏެވެ.