English Edition
Dhivehi Edition
ރައީސް ނަޝީދު ގދ. ތިނަދޫގައި، ފޮޓޯ: އެމްޑީޕީ ސެކްރެޓިއޭޓް

އެމްޑީޕީގެ ޕްރައިމަރީގައި ބަލިވާ ހާލަތެއް ނާންނާނެކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ،

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އިންތިހާބެއްގައި ބަލިވުމަކީ ދުވަހަކުވެސް ވެފައި އޮތްކަމެއް ނޫންކަމަށާއި އިންތިހާބުގައި ބަލިވުމަކީ އެމަނިކުފާނު ދަންނަކަމެއް ނޫންކަމަށެވެ. އިންތިހާބަކީ އެމަނިކުފާނު ސްކޫލް ދައުރުން ފެށިގެން ދަންނަ ކަމެއް ކަމަށާއި އިންތިހާބެއްގައި ބަލިވުމަކީ އެ މަނިކުފާނު އިންތިޒާރު ކުރާ ކަމެއް ނޫން ކަމަށާއި އަދި އެއީ ދެކޭ މަންޒަރެއްވެސް ނޫންކަމަށެވެ.

އިންތިހާބު ނާކާމިޔާބު ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ރައީސް ނަޝީދު ވަނީ އެމަނިކުފާނު މޮޅުވުން ނޫން ގޮތެއް ނެތްކަމަށް ވިދާޅުވެފައެވެ.

މި މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު އާއި ރައީސް އިބްރާހީމް މުހައްމަދު ސާލިޙް ވާދަކުރައްވާއިރު، މިއީ އެމްޑީޕީގެ ތާރީހުގައިވެސް ވާދަވެރިކަން ބޮޑު އިންތިހާބަކަށް ވެގެންދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި މި އިންތިހާބާއި އެކު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތައް އިތުރަށް ބޮޑުވެގެން ދާނެކަމަށް ގަބޫލުކުރާ މީހުންވެސް ތިބިއިރު، ސިޔާސީ މަސްރަހު ދިރާސާ ކުރާފަރާތްތަކުން ބުނަމުން ދަނީ އެންމެ ފަހު ވަގުތު އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބޭ ބޭފުޅެއްގެ ފަހަތަށް އެޕާޓީގެ އެންމެން އަރާނެކަމަށެވެ.