English Edition
Dhivehi Edition
އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިމުން ފާހަގަކުރުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އެމްއާރުއެމް)

2023 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މުހިންމު އަހަރަކަށް ވެގެން ދާނެ އަހަރެއް ކަަމަށް އެމްއާރްއެމް އިން ބުނެފި އެވެ.

އެމްއާރްއެމް އިން މިހެން ބުނީ މިފެށުނު މީލާދީ އައުއަހަރާ ގުޅިގެން، ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ތަހުނިޔާ ދަންނަވާ ފޮނުއްވި މެސެޖުގަ އެވެ.

އެމްއާރްއެމް ގެ މެސެޖުގައި ބުނީ މި ފެށުނު 2023 ވަނަ މީލާދީ އާ އަހަރުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް، ތަޙުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރާ ކަމަށެވެ. އަދި އެކުވެރި ދަޢުލަތްތަކާއި ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވެސް އާއަހަރުގެ ތަޙުނިޔާ ދަންނަވާ ކަމަށެވެ.

އެ މެސެޖުގައި ބުނީ ހުރިހާ ރައްޔިތުންވެސް ކަންކަމާއި މެދުގައި ވަރަށް ފުންކޮށް ވިސްނަވައި، ނިންމުންތައް ނިންމެވުމުގައި ޤައުމުގެ މަސްލަޙަތު އިސްކުރެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ޒިންމާދާރުކަމާއެކީ އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރުމަށް އަޒުމް ކަނޑައެޅުމަށް ގޮވާލާ ކަމަށް ވެސް ބުންނެވެ.

“އަޅުގަނޑުމެންގެ ދުޢާއަކީ، މި ފެށުނު 2023 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް، ބާއްޖަވެރި އުފާވެރި އަހަރެއް ކަމުގައި ލައްވައި، އިސްލާމްދީނުގެ މަތިވެރި ޙިދާޔަތުގައި ސާބިތުކަމާއެކު ދެމިތިބުމުގެ ހެޔޮ ތަޢުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުމެވެ.” މެސެޖުގައި ބުންޏެވެ.

މީގެ އިތުރުން އަޅުގަނޑުމެންގެ މެދުގައި އެއްބަނޑުއެއްބަފާ ކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ވެސް ވަނީ ގޮވާލާފަ އެވެ.