އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް އިއްވި ޖަލު ހުކުމާ ގުޅިގެން ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލިގެން ދިއުމަކީ ދެން ތިބި ޕާޓީތަކުގެ ލީޑަރުން ވެރިކަމަށް އައުމަށް ކުރާ އުއްމީދު އިތުރުވެގެން ދިޔަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައީސް ޔާމީން ގެ މައްޗަށް ކުރި ހުކުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގިނަ ބައެއްގެ ރުހުމާއެކު އެ މަނިކުފާނު ނިކުންނެވުމުން އެ ފުރުސަތު ނިގުޅައިގަތުމަށް ކޮށްފައިވާކަމެއް ކަމަށް ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުންނާއި ރައީސް ޔާމީނަށް ތާއިދުކުރާ ގިނަ ބަޔަކުވެސް ބުނަމުންދާ ދަނޑިވަޅެއްގައެވެ.
ރައީސް ނަޝީދުގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން “ފިކުރެއްގެ ދިރުން” ފެއްޓެވުމަށް ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ 8 ވަނަ އަހަރު ގިނަ ސިޔާސީ ލީޑަރުން ޖަލު ބަންދުގައި ތިބި ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުރިހާ ސިޔާސީ ލީޑަރުންނަށްވެސް އެބަ އޮތް ކަމަށެވެ. އިތުރަށް ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންއަށް އިއްވި ޖަލު ހުކުމާ ގުޅިގެން ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލިގެން ދިއުމަކީ ދެން ތިބި ޕާޓީތަކުގެ ލީޑަރުން ވެރިކަމަށް އައުމަށް ކުރާ އުއްމީދު އިތުރުވެގެން ދިޔަ ކަމެއް ކަމަށެވެ.
ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ އެމަނިކުފާނު، 11 އަަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ރައީސް ޔާމީން އަށް އިއްވި ހުކުމަކީ ހަރާމް ހުކުމެއްކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން މާލޭގެ މަގުތަކުގައި ކޮންމެ ރެއަކު މުޒާހަރާކުރަމުން އަންނައިރު، ރައީސް ޔާމީންގެ ވަކީލުން ވަނީ މި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފަ އެވެ.