ރާއްޖޭގައި ހިންގަން ވާނީ އެމްޑީޕީގެ މެމްބަރުން އެދޭ ވެރިކަމެއް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
“އަންނި 2023” ނަމުގައި ސަލްޓަން ޕާކްގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން އެދެނީ، އެ ޕާޓީގެ މެނިފެސްޓޯ އެމްޑީޕީގެ ވެރިކަމެއްގައި ހިންގަންކަމަށާއި ރާއްޖޭގައި ހިންގަން ވާނީ އެމްޑީޕީގެ މެމްބަރުން އެދޭ ވެރިކަމެއްކަމަށެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ކަންތައްތައް ރައްޔިތުންނަށް ނުފުއްދޭކަމަށް މީގެ ކުރިންވެސް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ކަންކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހުއަށް ނުވިކަމަށެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ކަންތައްތައް ފުއްދާނުދެވޭކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވަނީ އެކަންތައްތަކުގެ ތަފްސީލުވެސް ހާމަކުރައްވާފައެވެ. މި ގޮތުން މި ވެރިކަމުގައި މަސްވެރިންނަށް ވައުދުވި ކަންކަން ފުރިހަމަކޮށް ނުދެވޭ ވާހަކައިގެ އިތުރުން ދިވެހިންނަށް ބޯހިޔާވަހިކަން ނުލިބޭ މައްސަލައަށްވެސް ރައީސް ނަޝީދު ވަނީ އަލިއަޅުއްވާފައެވެ. އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރެއިން އެންމެ އަލިގަދަ އެއް ސިޔާސަތަކީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުންކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މި ފެންނަނީ ކޮރަޕްޝަނާ މެދުގައި އަޅާ ނުލާ ތަން ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ފަސާދަ އާއި ހިޔާނާތާއި ހީލަތާއި މަކަރާއި ވައްކަމާއި ބޭވަފާތެރިކަމަކީ އެމްޑީޕީގެ ތެރޭގައި އޮންނަ ކަމެއް ނޫންކަމަށެވެ.