އާރް.ޑީ.ސީ އިން އަންހެނުންނަށް ފުޅާ ދާއިރާއެއްގައި އެކި ރޮނގުތަކުން މަސައްކަތްކުރުމަށް މަގުފަހިކޮށްދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާރު.ޑީ.ސީއަށް 3 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
އެމަނިކުފާނު ވަނީ އާރް.ޑީ.ސީ އާއި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކުން މި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް މަސައްކަތްކުރަމުން ދާކަން ފާހަގަކުރައްވާ އެކަމަށްޓަކައި އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި ޤައުމެއް ކުރިއަރައި ދާނީ އެންމެން ގުޅިގެން މަސައްކަތް ކުރުމުން ކަމުގައި ވިދާޅުވެ އެކަން އެގޮތަށް ކުރުމަަށް ބާރުއަޅުއްވާފަ އެވެ.
މީގެ އިތުރުން އާރް.ޑީ.ސީ އަކީ މުވައްޒަފުންނާމެދު ވަރަށް ރަނގަޅަށް ކަންތައްތައް ކުރަމުންދާ ކުންފުންޏެއް ކަމަށާއި އިޖުތިމާޢީ ކަންކަމުގައި ވެސް އެކުންފުނިން ބައިވެރިވާކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
މި ޙަފްލާގައި ބްލައިންޑް އެސޯސިއޭޝަނަށް ދެވޭ ރަމްޒީ ހަދިޔާ ޙަވާލުކުރުމާއި، ކޯޕަރޭޓިވް އެޑިއުކޭޝަން ޕްރޮގްރާމް (ބިނާވެހި) ލޯންޗުކޮށްފައިވެއެވެ. މީގެ އިތުރުން މި ޙަފްލާގައި އެކި ދާއިރާތަކުން މުވައްޒަފުންނަށް އެވޯޑު ޙަވާލުކުރުންވެސް ކުރިއަށްދިޔައެވެ.
އެގޮތުން މި ޙަފްލާގައި އާރް.ޑީ.ސީގެ މުވައްޒަފުންނަށް ޢުމަރު ޒާހިރު އެވޯޑު ޙަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އަދި މި ޙަފްލާގައި އާރު.ޑީ.ސީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ ހަނދާނީ ފިލާއެއް ވެދުމަށް އަރުވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޤަރާރަކުން 9 ޖޫން 2019 ގައި އާރް.ޑީ.ސީ އުފެއްދެވީ މި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި، އެއްގަމު ދަތުރުފަތުރު ކުރެވޭނެފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި، ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށްފައި އޮތުމަކީ، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތެއްކަމުގައި މި ސަރުކާރުން ދެކިލައްވާތީއެވެ.