English Edition
Dhivehi Edition

އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ދޮޅު މަހެއްހައި ދުވަސްތެރޭ ހައްލުވާނެކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާހް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ޚިދުމަތް ކެނޑެމުންދާތާ މަސްދުވަސްވާން ގާތް ވެފައިވާއި ވާއިރު އަދިވެސް އެމައްސަލައަށް ހައްލެއް ވަނީ ނުލިބިފައެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާހް ވިދާޅުވީ އައްޑޫ ސިޓީއިން ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވަމުންދާތީ އެކަން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އެގޮތުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް އިތުރު ޖެންސެޓެއް މަރާމާތުކޮށް ބޭނުން ކުރަން މިހާރު ފަށާފައިވާކަމަށް ވިދާޅުވިއެވެ. ނަޖާހް ވިދާޅުވީ އެ ޖެންސެޓާއެކު މިހާރު ލޯޑް މެނޭޖް ކުރެވި ވަގުތީ ހައްލެއް ގެނެވިފައިކަމަށެވެ.

“ރޯދައަށް ތައްޔާރުވުމުގެ ޕްރޮގްރާމްގެ ތެރެއިން މައްސަލަ ޖެހިފައިވާ އިތުރު 2 ޖެންސެޓު މަރާމާތު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން. އިތުރު އައު ޖެންސެޓެއްވެސް ގެނައުމުގެ މަސައްކަތް ކުރަމުން މިދަނީ” ނަޖާހު ވިދާޅުވިއެވެ.

ނަޖާހު ވިދާޅުވީ އައްޑޫގެ އިތުރުވަމުންދާ އާބާދީއާއެކު ކަރަންޓު ބޭނުން ކުރާ މިންވަރުވެސް އިތުރުވަމުންދާއިރު، އެސިޓީގެ ކަރަންޓުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް މުހިންމުކަމަށް ނަޖާހް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދޭ ސެންޓްރަލް ޕަވަރ ހައުސްގައި ބޭނުންކުރާ 20 ޖަނަރޭޓަރުގެ ތެރެއިން 5 ޖަނަރޭޓަރަކަށް ވަނީ މައްސަލަ ކުރިމަތިވެފައެވެ. އައްޑޫ ސިޓީގައި މިވަގުތު 26.8 މެގަވޮޓްގެ ކަރަންޓު ކެޕެސިޓީ ޤާއިމުކޮށްފައިވީނަމަވެސް އޭގެތެރެއިން ބޭނުންކުރެވޭ ހާލަތުގައި ހުރީ 15.5 މެގަވޮޓްގެ ކެޕޭސިޓީއެވެ.