އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުނުވާތީ އެސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކައިގެ އިސްވެރިން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ހާޒިރު ކުރަން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އެދިވަޑައިގެންފިއެވެ.
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިޔުމުގައި ފެނަކައިގެ އިހުމާލު އޮތް ކަމަށް ދެކެވަޑައިގެން، މަޖިލީހުގެ ރައީސް އަށް އެޑްރެސްކޮށް އަޒާން ފޮޮނުވި ސިޓީގައި ވަނީ އައްޑޫ އިންޖީނުގެއަށް ބޭނުންވާ ބައެއް ސްޕެއާ ޕާޓްސްތަކަށް އެދި ހެޑް އޮފީހަށް ރިކުއެސްޓުކުރިތާ އަހަރަކަށް ވުރެ ގިނަދުވަސްވެފައިވާކަމަށެވެ.
އައްޑޫ ފެނަކަ އޮފީހުގެ ސީނިއާ މުވައްޒަފުންނަށް ހަވާލާދީ އަޒާން ވިދާޅުވީ އިންޖީނުތަކަށް މައްސަލަ ދިމާވާ މައިގަނޑު ސަބަބެއްގެ ގޮތުގައި މުވައްޒަފުން ފާހަގަކޮށްފައިވަނީ ސްޕެއާ ހޯދުމަށް ރިކުއެސްޓު ކުރާތާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ދާއިރު ވެސް ސްޕެއާތައް ނުލިބި އިންޖީނުތަކުގެ މެއިންޓެއިނަންސް އަދި މަރާމާތު މަަސައްކަތް ނުކުރެވުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޖަނަވަރީ 14ވަނަ ދުވަހު އައްޑޫއަށް ނިސްބަތްވާ އެހެން މަޖިލިސް މެންބަރުންނާއެކު ފެނަކައާ ބައްދަލުކޮށްފައި ވާކަން ހާމަކޮށް އަޒާން ވިދާޅުވީ މި ބައްދަލުވުމުގައި އައްޑޫ އިންޖީނުގެއަށް ބޭނުންވާ ސްޕެއާ ޕާޓްސްތައް ހަތް ދުވަހުގެ ތެރޭގައި ފޮނުވާނެކަމަށް ބުނެފައި ވީނަމަވެސް، އަދިވެސް އެއްވެސް ސްޕެއާއެއް ލިބިފައި ނުވާކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ފެނަކައިގެ އިސްވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދޭން އަޒާން ވަނީ އެދިފައެވެ.