މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދަފުތަރު ގަޑުބަޑުވެފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ފްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވަން ނިންމަވާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒަށް ފޮނުއްވެވި ސިޓީއެއްގައެވެ.
ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ވޯޓުލާ ދަފުތަރުން ސާޅީސްހާހާ ގާތަށް މެމްބަރުން އެންގުމަކާއިނުލައި ކުއްލިއަކަށް އުނިކުރުމުން ދަފުތަރު ގަޑުބަޑުވެފައި ކަމަށެވެ. އަދި އެކަން އެހެން އޮއްވައި ޕްރައިމެރީ ކުރިއަށް ގެންދެވުމުން އެ ޕްރައިމެރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވާނޭ ކަމަށް ގަބޫލުނުކުރައްވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވަނީ އެމްޑީޕީއަށް ހިތުން ރުހުމުން ގުޅިފައިވާ މެމްބަރުންގެ ތެރެއިން 40 އިންސައްތަ މެމްބަރުންގެ ހައްގާއި ބައިވެރިވުން ގެއްލުވާލައި ބާއްވާ އިންތިހާބަކީ 2023 ގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީއަށް އިންތިހާއަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދު ަނީ ރިޔާސީ ޕްރައިމެރީގައި ވޯޓުލާއިރު ޕާޓީގެ ވޯޓުލާ ދަފުތަރުގެ ގޮތުގައި މިހާތަނަށް ބަލަމުން އައި ދަފުތަރުގައި ހިމެނޭ މެމްބަރުންގެ ވޯޓުލުމުގެ ހައްގު ނުގެއްލޭނެކަން ކަށަވަރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.