English Edition
Dhivehi Edition

ހޫތީ ސިފައިން، ސަޢުދީ ޢަރަބިއްޔާގެ އާންމު ރައްޔިތުންނަށާއި އިމާރާތްތަކަށް އަމާޒުކޮށް ރިޔާދަށް ދިން މިސައިލް ހަމަލާ ކުށްވެރިކުރައްވާ، ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގައި ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށް މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއެކު ކަމަށާއި، މި ޢަމަލަކީ އެމަނިކުފާނު ނުހަނު ނަފްރަތު ކުރައްވާ ޢަމަލެއް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ސަޢުދީ ޢަރަބިއްޔާގައި މި ހިންގި ޓެރަރިޒަމްގެ ފިނޑި ޢަމަލު، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށާއި، މިކަމުގައި ސަޢުދީ ޢަރަބިއްޔާއާއި، ބައިނަލްއަޤްވާމީ ދުނިޔެއާއެކު ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނަށް ރަނގަޅު ޞިއްޙަތަކަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.