އިންޑިއާގެ އެފްކޮންސްގެ މުވައްޒަފުންތަކެއް ބޭނުން ކުރާ އިމާރާތެއްގައި އަލިފާން ރޯވެގެން ހިނގި ހާދިސާގައި 76 މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ގުޅީފަޅުގައި ހުންނަ އެކޮމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެކި ގޮތްގޮތުން އަނިޔާވެ، ހާލު ދެރަވި 76 މީހަކަށް ޓްރީ ޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަމަށެވެ. ޓްރީޓޮޕްގައި 63 މީހަކަށް އަދި އައިޖީއެމްއެޗްގައި 13 މީހަކަށް ފަރުވާދެމުން އަންނަ އިރު އޭގެ ތެރެއިން 6 މީހެއްގެ ހާލު ސީރިއަސްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މާލެ އިން ގުޅިފަޅާއި ހަމައަށް އަޅާ ބުރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސްގެ މުވައްޒަފުންތަކެއް ބޭނުން ކުރާ އެކޮމަޑޭޝަން އިމާރާތުގައި ރޯވެފައިވަނީ ރޭ 12:30 ކަންހާއިރު އެވެ. ސިފައިންގެ ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ ރޭ 1:50 ހާއިރުއެވެ.
މި ހާދިސާގައި އެ އެކޮމަޑޭޝަން ބްލޮކް އެއްކޮށް އަނދާފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުން އަލިފާން ރޯވި އެކޮމަޑޭޝަން ބްލޮކްގައި 500 އަށް ވުރެ ގިނަ މުވައްޒަފުން ދިރިއުޅެމުން ދެއެވެ،
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.