English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީ ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލު ފާސްކޮށްފި އެވެ.

އެ ޕާޓީން ބުނީ މި އުސޫލު ފާސްކޮށްފައިވަނީ އެ ޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމެއްގައި ކަމަށެވެ.

އެމްއެންޕީ އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމަކީ މިދިޔަ ސެޕްޓެމްބަރ މަހުގައި ޕާޓީގެ ޤައުމީ ހިންގާ ކައުންސިލް ހުވާކުރުމަށް ފަހުމ ބާއްވާ ދެވަނަ ޤައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުން ކަމަށް ވެސް ބުންޏެވެ.

އެމްއެންޕީން ބުނީ މިބައްދަލުވުމުގައި ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް ޕާޓީގެ ކޮމިޓީތަކުގެ ހިންގާ ޤަވާޢިދުތައް ޕާސްކުރުން ކުރިޔަށް ގެންދިޔަ ކަމަށާއި އެންމެ މުހިންމު ކަމަކީ ޕާޓީގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީ ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލު ފާސްކުރުން ކަމަށެވެ.

އެގޮތުން މިއިންތިޚާބު ކުރިޔަށް ގެންދާނީ ޕާޓީގެ އިންތިޚާބީ ކޮމިޓީން ނިންމާ ގޮތެއްގެ މަތީން ކަމަށާއި ޓެކްނޮލޮޖީއާ އަހުލުވެރި ގޮތަކަށް އިލެކްޓްރޯނިކް ވޯޓިންގ އަކުން މިޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ގެންދިއުމުގެ ފުރުޞަތު ފަހިވާގޮތަށް އިންތިޚާބީ ކޮމިޓީއަށް އެ އިޚްތިޔާރު ވަނީ ޕާޓީގެ ހިންގާ ކައުންސިލްގެ އިއްތިފާޤުން ދެއްވާފައި ކަމަށް ވެސް ބުންޏެވެ.

އިތުރަށް މަޝްވަރާކޮށް ނިންމުނު ކަންތައްތަކުގެ ތެރޭގައި ޕާޓީގެ ސުލޫކީ ކޮމިޓީ، ޕާޓީގެ އިންތިޚާބީ ކޮމިޓީ އަދި ޕާޓީގެ އިސްތިއުނާފީ ކޮމިޓީގެ ހިންގާ ޤަވާޢިދު ފާސްކުރުން ހިމެނޭ ކަަމަށް ވެސް ބުންނެވެ. އަދި ޕާޓީގެ ދީނީ ޢިލްމުވެރިންގެ މަޝްވަރާ މަޖިލީހުގެ ހިންގާ ޤަވާޢިދު ވެސް ފާސްކުރެވި ކަމަށް ބުންޏެވެ.

މިހުރިހާ ޤަވާޢިދެއް ފާސްކުރީ ޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތުން ކަމަށް ވެސް އެމްއެންޕީން ބުނެއެވެ.

މިބައްދަލުވުމުގައި މަޝްވަރާކޮށް ފާސްކުރެވުނު އިތުރު ކަންތައްތަކުގެ ތެރޭގައި، ޕާޓީގެ ކޮމިޓީތަކުގެ މަސައްކަތްތަކުގެ ތެރެއިން، ސުލޫކީ ކޮމިޓީގެ ފަރާތުން ހުށަހަޅާފައިވާ “މޯލްޑިވްސް ނެޝަނަލް ޕާޓީގެ ސުލޫކީ މައްސަލަތަކާއި ބެހޭ ޤަވާއިދު” އަދި “މޯލްޑިވްސް ނެޝަނަލް ޕާޓީގެ މެމްބަރުން ބަހައްޓަންޖެހޭ ސްލޫކީ އަދި އަޚްލާޤީ މިންގަނޑަށް” އިސްލާޙެއް ހުށަހަޅާ ވަނީ ފާސްކޮށްފައި ކަމަށް ވެސް ބުނެއެވެ. އަދި ޕާޓީގެ އިންތިޚާބީ ކޮމިޓީގެ “މޯލްޑިވްސް ނެޝަނަލް ޕާޓީގެ އިންތިޚާބުތަކާބެހޭ ޤަވާޢިދު” ވެސް ފުރިހަމަ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށް ބުނެއެވެ.

އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލަކީ ޕާޓީގެ ޤައުމީ ޖަލްސާ، ދަ ނެޝަނަލްސް ކޮންވެންޝަނަށް ފަހު، ޕާޓީގެ އެންމެ އިސް ޒިންމާތަކާއި މަސްޢޫލިއްޔަތުތައް އަދާކުރާ ގުނަވަނެވެ.

ޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގައި ހިމެނެނީ ޕާޓީގެ ރައީސުންނާއި ނާއިބު ރައީސުން، ޕާޓީގެ ވިމެންސް ވިންގާއި ޔޫތު ވިންގގެ ލީޑަރާއި ޕާޓީގެ ހުރިހާ ދާއިރާތަކެއް ރައީސުންނާއި ދީނީ އިލްމުވެރިންގެ މަޝްވަރާ މަޖިލިސްގެ ޗެއަރ އެވެ.

ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމެއް ކޮންމެ ތިން މަހަކުން އެއްފަހަރު ބާއްވަމުން ގެންދާނެ އެވެ.