English Edition
Dhivehi Edition

މަސްވެރިންނަށް ދިމާވެފައިވާ މަސްކިރުވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އަންނަ އަހަރު ރާއްޖެ ގެނެވޭ ހަތަރު ބޯޓުގެ ތެރެއިން 270 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އާއި 120 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީގެ ބޯޓު ހުވަދު އަތޮޅު ފަރުބިތުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި، ގދ ފަރެސް މާތޮޑާގައި ހުވަދު އަތޮޅުގެ މަސްވެރިންނާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ މަސްކިރުވުމަށް ހުރި ދަތިތަކާއި، މަސްވެރިން މަސްކިރުވުމަށް ދުރުދަތުރު ކުރަން ޖެހުމުން ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމާއި، ތެޔޮލިބުމަށް ހުރި ދަތިތައް ދާދިއަވަހަށް ހައްލުކުރެވިގެންދާނެ ކަމަށެވެ.

މަސްވެރިންނަށް ތެޔޮ ލިބުމުގެ ދަތިކަން ހައްލު ކުރުމަށް، އެސްޓީއޯ މެދުވެރިކޮށް ފިއުލް ސަޕްލައި އިން، މަސްވެރިންނަށް ހެޔޮ އަގުގައި އަދި ކްރެޑިޓަށްވެސް ތެޔޮލިބޭނެ މަގު ދާދިއަވަހަށް ހަމަޖައްސައި ދެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ މަސްވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށް، ކޫއްޑޫގެ ކެޕޭސިޓީ ބޮޑު ކުރުމާއި ތިނަދޫގައި ޤާއިމް ކުރާ ފްރީޒިން ކެޕޭސިޓީ އާއި ކޯލްޑް ސްޓޯރޭޖް ޤާއިމް ކުރުމުގެ މަސައްކަތާއި ގުޅޭ މައުލޫމާތުވެސް ހާމަކުރައްވާފައެވެ. އަދި ފެލިވަރުގެ ކެޕޭސިޓީ މަތިކުރުމާއި، ތ ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް ކުރިޔަށްދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.