ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)، އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް އަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ބައިނަލްއަޤުވާމީގޮތުން އަންހެނުނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބަތުގައި ރޮޒައިނާ ނެރުއްވި ބަޔާނުގައި ވިދާޅުވީ ބައިނަލްއަޤުވާމީގޮތުން އަންހެނުނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހު ކޮންމެ މީހަކު ވެސް އަމާޒު ހިފަންވީ އަންހެނުންނަށް ސޯޝަލް މީޑިއާގައި ކުރަމުންދާ ފުރައްސާރަ ހުއްޓުވުމަށް ބާރު އެޅުމަށްކަމަށާއި މިކަމުގައި އަންހެނުންގެ ދައުރު ފުޅާކުރަންޖެހޭ ކަމަށެވެ.
ރޮޒައިނާގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ވައްޑެ ވިދާޅުވީ އުޅޭ ހަޑިހުތުރު ގޮތް ފޮރުވަން ‘އަންހެން ކާޑު’ ނުކުޅެވޭނެ ކަމަށާއި މިހާރު އެންމެންނަށްވެސް އެ ޑްރާމާ އެގޭކަމަށެވެ. “އުޅޭ ހަޑިހުތުރު ގޮތް ފޮރުވަން ކޮންމެހެން އަންހެން ކާޑު ކުޅެން ނުހަދާ. ދެން އެންމެންނަށްވެސް މިހާރު ތިޔަ ޑްރާމާ އެނގޭ” ވައްޑެ ވިދާޅުވިއެވެ.
، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އާއި ރޮޒައިނާ އާއި ދެމެދު އުފެދިފައިވާ ހިތްހަމަނުޖެހުންތަކާއެކު ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓަކުން ރޮޒައިނާ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ހަސަން ކުރުސީގެ އެކައުންޓަކާއި ރައީސް ނަޝީދު ގެންގުޅުއްވާ އެކައުންޓެއްކަމަށް ރޮޒައިނާ ވަނީ ތުހުމަތުކުރައްވާފައެވެ.