English Edition
Dhivehi Edition

އަމާޒު ހިފަންވީ އަންހެނުންނަށް ސޯޝަލް މީޑިއާގައި ކުރަމުންދާ ފުރައްސާރަ ހުއްޓުވުމަށް ބާރު އެޅުމަށް ކަމަށް ރައްޔިތުންގެ މަޖިލިޙުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ބައިނަލްއަޤުވާމީގޮތުން އަންހެނުނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ރޮޒައިނާ ވިދާޅުވެފައިވަނީ އަންހެނުންނަށް އިހާނެތި ބަސްތައް ރައްދުކުރުމާއި އަންހެނުންގެ އަބުރަށް އަރައިގަތުމުގައި ފިރިހެނުންނާއި އެއްފަދައިން އަންހެނުންގެ ފަރާތުން ވެސް މިމަންޒަރު މިއަދު ފެންނަމުންދާ ކަމަށެވެ.

އެހެންކަމުން ބައިނަލްއަޤުވާމީގޮތުން އަންހެނުނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހު ކޮންމެ މީހަކު ވެސް އަމާޒު ހިފަންވީ އަންހެނުންނަށް ސޯޝަލް މީޑިއާގައި ކުރަމުންދާ ފުރައްސާރަ ހުއްޓުވުމަށް ބާރު އެޅުމަށްކަމަށާއި މިކަމުގައި އަންހެނުންގެ ދައުރު ފުޅާކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އަންހެނުންގެ ރޫޙުގެ ރައީސާގެ މާގާމު ވެސް އަދާކުރައްވާ ރޮޒައިނާ ވިދާޅުވީ ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ޤައުމެއްގެ ގޮތުގައި ނިންމުންތައް ނިންމުމުގައި އަންހެނުންގެ ހިއްސާ އިތުރުކޮށް އަންހެނުން ބާރުވެރިކުރުވުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކަކީ އަންހެނުންގެ ދައުރު ސިޔާސީ މައިދާނުގައި އިއްވާ، އަންހެނުން ބާރުވެރިކޮށް ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ އިސްމަޤާމުތަކަށް އަންހެނުންނަށް ވާޞިލުވުމަށް އޮތް އެންމެ ފަހި މަގު ކަމަށް ވެސް ވިދާޅުވި އެވެ.

ބައިނަލްއަޤުވާމީ އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ އަންހެނުންނަށް ކުރާ އެނިބާވަތުގެ އަނިޔާ ހުއްޓުވާ އަންހެނުންގެ ޙައްގުތައް ކަށަވަރު ކުރުމަށް ދުނިޔޭގެ ހުރިހާ ޤައުމަކުން ވެސް އަދި ޖަމިއްޔާ ޖަމާޢަތްތަކުން ގުޅިގެން މަސައްކަތް ކުރުމަށްޓަކަ އެވެ.

އދ.އިން މިދުވަސް ފާހަގަކުރުމަށް އެންމެ ފުރަތަމަ ނިންމާފައިވާ 2000 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.