English Edition
Dhivehi Edition

ޒަމާންތަކަށްފަހު އައްޑޫ ސިޓީގައި ވޮލީބޯޅަ މުބާރާތެއް އެ ބޭއްވީއެވެ. “ޑަބްލިޔުޑީސީ ޕޮލިސް ވޮލީބޯލް ޗެމްޕިއަންޝިފް 2017” ގެ ނަމުގައެވެ.

އެ މުބާރާތަށްފަހު ފާހަގަވި އެންމެބޮޑު އެއްކަމަކީ ފާއިތުވި ދުވަސްތަކުގައި އައްޑޫސިޓީގައި ޒުވާން ކުޅުންތެރިން އުފެދިފައިނުވާ ކަމަށެވެ. އުފެދިފައި ނުވަނީ އުފައްދަން މަސައްކަތް ނުކުރާތީއެވެ.

“ވަރަށް ފޯރީގައި މުބާރާތް ނިމިގެން މިދިޔައީ. ސަޕޯޓުކުރާ މީހުންވެސް ކޮންމެ ރެއަކުވެސް ސަޕޯޓު ކުރަންއައިސް ޓީމްތަކަށް ސަޕޯޓުދިން. އެއިން ދޭހަކޮށްދިނީ އައްޑޫސިޓީގައި ވޮލީއަށް އަދިވެސް ސަޕޯޓު އެބައޮތްކަން. އެކަމަކު ޓީމްތަކުން އާންމުކޮށް ފެނިފައިވަނީ ކުރިންވެސް ކުޅުނު ބައުމޫނުތައްކަން ފާހަގަ ކުރެވުނު،” މި މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމުހޯދި މަރަދޫފޭދޫ ޓީމުގެ އާމިނަތު އަޒީމާ ބުންޏެވެ.

އަޒީމާއަކީ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. ޑަބްލިޔުޑީސީ ޕޮލިސް ޗެމްޕިއަންޝިޕްގައި އޭނާ ކުޅުނު ޓީމްވަނީ ދެވަނަ ހޯދައިފައެވެ.

އަޒީމާބުނީ އައްޑޫސިޓީން ފެނިގެންދިޔައީ ވޮލީގެ ރޫހާއި އެކަން ކުރެވިދާނެ ކަމުގެ ނިޝާންތަކެއް ކަމަށެވެ. އެ ރޫހުއެގޮތަށް ހުރިކަމަށްވާނަމަ ޒުވާން އައު ކުޅުންތެރިން އުފެއްދޭނެ ކަމަށް އޭނާ ދެކެއެވެ. ބޭނުންވަނީ އެކަންކުރާނެ އަތްތެކެކެވެ. ބޭނުންވަނީ ވައިޑީޕީކަހަލަ ކޮންމެވެސް ހަރަކާތެއް ހިންގުމެވެ. “އެކަންކުރެވޭނީ އެކަންކުރެވޭނެ ބަޔަކު އިސްނަގައިގެން އެކަމަށް ޝައުގުވެރިވާ ކުދިންގެ އަތުގައި ހިފައިގެން ވޮލީ ދިރުވަން ނުކުމެގެން. އެކަން ކުރެވޭނެ ފެންވަރުގެ މީހުންކުރިންވެސް ތިބި. މިހާރުވެސް ތިބޭނެ،” އަޒީމާ ބުންޏެވެ.

އޭނާ ބުނީ ކުޅުންތެރިން އުފެއްދުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. އެކަންކުރެވޭނީ ވަރަށް މަސައްކަތުން ވަރަށް ވަގުތު އެކަމަށް ދީގެންނެވެ. އޭނާ ބުނިގޮތުގައި މެދުކެނޑުމެއްނެތި ފުވައްމުލަކުގައި ވޮލީ ކުޅޭތާ މިހާރު ފަސް އަހަރުވެއްޖެ ކަމަށެވެ. ފަސްއަހަރަށް އެކަންކުރިއަށް ގެންދެވުނީ ޒުވާން ކުޅުންތެރިން އުފައްދަން މަސައްކަތް ކުރެވުނީމައެވެ.

“ޒުވާން ކުޅުންތެރިން އުފެއްދުމަކީ ފަސޭހަ ކަމެއްނޫން. ފަނަރަވަރަކަށް ކުދިން ގޮވައިގެން އެކުދިންނަށް ތަމްރީންދިނުމުން ކުޅެން މިނުކުންނަނީ އޭގެ ތެރެއިން ފަސްވަރަކަށް ކުޅުންތެރިން. އެވަރަށް ނުކުތަސް އެއީވެސް ކޮންމެވެސް ވަރެއް. އެކަމަކު އައްޑޫގައި ވޮލީ ވަޅުޖެހިފައިވުމުން ޒުވާން ކުޅުންތެރިން ނުފެނޭ. ހަމަކުރީގެ މޫނުތައް މިފެންނަނީ،” އޭނާ ބުންޏެވެ.

ޑަބްލިޔުޑީސީ ޕޮލިސް ވޯލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރި 4 ޓީމުގެ ކުޅުންތެރިންގެ އެވްރެޖު އުމުރު ފުދޭވަރަކަށްމަތި ކަމަށްވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މުޅި މުބާރާތުގައިވެސް ކުޅެފައިވަނީ 21 އަހަރުންދަށުގެ އެންމެ 2 ކުޅުންތެރިންނެވެ. އޭގެ ތެރެއިން އެއްކުޅުންތެރިއަކު އިނީ ބެންޗުގައެވެ. މުބާރާތުގައި ކުޅުނު މީހުންގެ އެވްރެޖު އުމުރަކީ 35 އަހަރުން މަތި ކަމަށްވެއެވެ.

ކޯޗުން ބުނާގޮތުގައި ޓީމެއް ވަރުގަދަ ކުރެވޭނީ އެއްބަޔަކު ގިނަދުވަހު އެޓީމަށް ކުޅެގެންނެވެ. އެކަން އެހެންވާނީ ޓީމަށް ޒުވާންކުޅުންތެރިން ލިބިގެންނެވެ. އެހެންނޫނީ އަހަރުން އަހަރަށް ނުވަތަ އެއް މުބާރާތުން އަނެއް މުބާރާތަށް ކުޅުންތެރިން ބަދަލުވާނެއެވެ. މިކަމަށްއޮތް ހައްލަކީ އަޒީމާބުނި ފަދައިން ވައިޑީޕީ ފަދަ ހަރަކާތްތައް ހިންގުމެވެ.

އަންނަ އަހަރުވެސް ޑަބްލިޔުޑީސީ ޕޮލިސް ވޮލީ ޗެމްޕިއަންޝިޕް ބާއްވާނެއެވެ. އެ ބުރާތަށް ތައްޔާރުވުމަށް އަދި ވަގުތު އެބައޮތެވެ. އެ ވަގުތުގެ ބޭނުން ހިފައިގެން އަންނަ އަހަރުގެ މުބާރާތަށް ޒުވާން ކުޅުންތެރިން ނެރޭނެ ކަމަށް އުންމީދު ކުރެވެއެވެ. މި މުބާރާތުގެ ސަބަބުން އައްޑޫސިޓީގެ ވޮލީގެ “ތަރި” އަލުން އެރުމުގެ އުންމީދު ވަރަށް ބޮޑެވެ. ހުރިހާ އުފަލެއްއޮތީ މި ސިޓީއަށެވެ.