English Edition
Dhivehi Edition

ޑަބްލިޔުޑީސީ ޕޮލިސް ވޮލީބޯލް ޗެމްޕިއަންޝިޕް 2017 ފައިނަލުގައި މަރަދޫފޭދޫ ވޮލީޓީމާއި މީދޫ ވިމެން ވޮލީ ޓީމު ބައްދަލުކުރި މެޗު ސީދާ ތިންސެޓުން މަރަދޫފޭދޫ ބަލިކޮށް މީދޫއިން ތަށިހިފައިގެން ރަށަށް ހިނގައްޖެއެވެ.

ރޭގެ ފައިނަލަށް ނުކުތްއިރު ގުރޫޕް ސްޓޭޖުގައި މި ދެޓީމް ކުޅުނު މެޗު ހަމަ މިނަތީޖާއިން މަރަދޫފޭދޫވަނީ މީދޫ ބަލިކޮށްފައެވެ. އެހެންވެ ރޭގެ ފައިނަލަށް މީދޫ ޓީމް ނުކުތީ މަރަދޫފޭދުއަށް އެކަމުގެ ރައްދުދީ ތަށި ރަށަށް ގެންދިޔުމުގެ އަޒުމުގައެވެ.

މީދޫ ޓީމުގެ ކޯޗު ބުނީ ބޭނުންވި ގޮތަށް ކުޅުންތެރިން ކުޅެ އިދިކޮޅު ޓީމް ހުއްޓުވައި ތަށި އުފުލުމަކީ ލިބުނު ވަރަށްބޮޑު ހިތްވަރެއް ކަމަށެވެ. “އަޅުގަނޑުމެން ރާވައިފައިވާނީ އެމީހުންގެ ދެ ސްޕައިކަރުން ހުއްޓުވައި ޑިފެންސްކޮށް އެމީހުންނަށް ކުޅުނަނުދޭން. ވަރަށް ރަނގަޅަށް ކުޅުންތެރިން އެކަންކޮށްފި. މޮޅުވުމުގެ އަސްލަކީ ކުޅުންތެރިންގެ ބުރަ މަސައްކަތް،” މީދޫ ކޯޗު މުހައްދު ޔާސީން ބުންޏެވެ.

މަރަދޫފޭދުއަކީ މުބާރާތުގައި ވާދަކުރި އެންމެ މޮޅުޓީމެވެ. އެޓީމް ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓް ހޯދައިގެންނެވެ. ސެމީއާ ހަމައަށްއައިރު މީދުއަށް ލިބިފައިއޮތީ 4 ޕޮއިންޓެވެ. އެޓީމް ފައިނަށް ދަތުރުކުރީ ސެމީގައި ފޭދޫ ޔޫތުކޮމިޔުނިޓީއާ ބައްދަލުކޮށް މޮޅުވެގެންނެވެ.

މަރަދޫފޭދޫ ކޯޗު ހަސަން ނަސީރު ބުނީ މެޗަށް ނުކުތްއިރުވެސް މީދޫ ޓީމަކީ ބަލި ޓީމެއްނޫންކަން އެނގޭ ކަމަށެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި އެޓީމުން އައީ މެޗަކަށްފަހު މެޗެއްގައި ކުޅުން ރަނގަޅުކޮށް ކުރިއެރުން ހޯދަމުން ކަމަށެވެ. “އެހެން ކަމުން އެޓީމާ ދެކޮޅަށް ނުކުތީ ސީދާ ފައިނަލެއްކަން ދަނެގެން. މަރަދޫފޭދޫ ޓީމް އަތުން މީދޫ ބަލިވެފައި އޮތުމަކީ ލިބުނު އެޑްވާންޓޭޖެއް ކަމަށް މެޗަށް ނުކުތްއިރުވެސް ނުދެކެން. އަޅުގަނޑުމެން ބަލިވުމުގެ މައިގަނޑު އެއްސަބަބަކީ ބޮޑު ބްރޭކެއް ލިބުން،” ކޯޗު ބުންޏެވެ.

ފޭދޫ ވޮލީ ކޯޓުގައި ކުޅުނު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މީދޫ ވިމެން ޓީމުގެ ޖާޒީނަންބަރު 5 މަރިޔަމް ހަސަނެވެ. މުބާރާތުގެ އެންމެމޮޅު ކުޅުންތެރިއަކަށް ހޮވުނީ މަރަދޫފޭދޫ ޓީމުގެ ޖާޒީނަމްބަރު 15 އާމިނަތު އަޒީމާއެވެ. 21 އަހަރުންދަށުގެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ފޭދޫ ޔޫތު ކޮމިޔުނިޓީގެ ޖާޒީނަމްބަރު 5 މަލްދާ މަސްއޫދެވެ.

މުބާރާތުގެ އެންމެމޮޅު 6 ކުޅުންތެރިންވެސް ރޭ ވަނީ އިއުލާން ކޮށްފައެވެ. އެ ކުޅުންތެރިންނަކީ މަރަދޫފޭދޫ ޓީމުގެ ޖާޒީ ނަމްބަރު 5 އާމިނަތު ރާޝީދާއި، މީދޫ ޓީމުގެ ޖާޒީނަމްބަރު 5 މަރިޔަމް ހަސަނާއި، ފޭދޫ ޔޫތު ކޮމިޔުނިޓީގެ މަލްދާ މަސްއޫދާއި، ފޭދޫ ހެލްތު ސެންޓަރުގެ ޖާޒީ ނަމްބަރު 4 އާމިނަތު ޝަފީނާޒާއި، މީދޫ ޓީމުގެ ޖާޒީ ނަމްބަރު 2 މަރިޔަމް ނާހިދާއި، ހަމަ އެޓީމުގެ ޖާޒީ ނަމްބަރު 8 މަރިޔަމް އަޒުމީނާއެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ މީދޫ ވިމެން ޓީމުގެ ކޯޗު މުހައްމަދު ޔާސީނެވެ. އެންމެ މޮޅު މެނޭޖަރަކަށް ހޮވިފައިވަނީ މަރަދޫފޭދޫ ޓީމުގެ މެނޭޖަރު ޝަފީގާ ރާމިޒެވެ. ފެއާޕްލޭ ޓީމަކީ މަރަދޫފޭދޫ ޓީމެވެ.

މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނާއި، ޓީމްތަކަށް ތަށްޓާއި ހަނދާނީ ލިޔުމާއި އިނާމް ހަވާލުކޮށް ދެއްވީ އައްޑޫސިޓީގެ މޭޔަރު އަބްދުﷲ ސާދިގާއި، ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރއޮފް ޕޮލިސް އަލީ ޝަރީފާއި، އައްޑޫ ސިޓީ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު އަލީ އާއި، އައްޑޫ ވިމެން ޑިވެލޮޕްމެންޓް ކޮމިޓީގެ ރައީސާ ޝެހެނާޒު ރަޝީދެވެ.