English Edition
Dhivehi Edition

އައްޑޫސިޓީގައި މިހާރު ކުރިއަށްދާ “ޑަބްލިޔުޑީސީ ޕޮލިސް ވޮލީ ޗެމްޕިއަންޝިޕް 2017 ” ގެ ސެމީ ފައިނަލް މެޗު މިރޭ ފޭދޫ ވޮލީ ކޯޓުގައި ކުޅޭނެއެވެ.

މި މެޗުގައި ބައްދަލުކުރާނީ މީދޫ ވިމެންސް ކުލަބާއި، ފޭދޫ ޔޫތު ކޮމިޔުނިޓީ (އެފްވައިސީ) އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާހަގަ ލިބޭނެއެވެ. ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓް ހޯދައިގެން މަރަދޫފޭދޫ ޓީމްވަނީ އޮޓޮމެޓިކުން ފައިނަލަށް ގޮސްފައެވެ. އެހެން ކަމުން ފައިނަލުގެ ފަހު ޖާގަ ހޯދުމަށް މީދުއާއި، ފޭދޫ ޔޫތު ކޮމިޔުނިޓީ ނުކުންނަނީ “ފުލް ހަތިޔާރާ” އެކުގައެވެ.

ގުރޫޕް ސްޓޭޖުގެ ފަހުމެޗުގައި މި ދެޓީމް ރޭ ވަނީ ކުޅެފައެވެ. އެ މެޗު 3-1 ސެޓުން ކާމިޔާބުކުރީ މީދޫ ޓީމެވެ. އެހެން ކަމުން ފޭދޫޔޫތު ކޮމިޔުނިޓީ މިރޭ ނުކުންނާނީ އޭގެ ބަދަލު ހިފައި ފައިނަލުގެ ފަހުޖާގައަކީ އެމީހުންގެ އެއްޗަކަށް ހަދާލުމުގެ ވަރުގަދަ އަޒުމުގައެވެ.

މުބާރާތުގައި މިހާތަނަށް މަރަދޫފޭދޫއިންވަނީ 9 ޕޮއިންޓް ހޯދައިފައެވެ. މީދުއަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. ފޭދޫ ޔޫތު ކޮމިޔުނިޓީއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ފޭދޫ ހެލްތު ސެންޓަރަށް ލިބިފައިވަނީ 2 ޕޮއިންޓެވެ.

މި މެޗުވެސް އޮންނާނީ ފޭދޫ ވޮލީ ކޯޓުގައެވެ. މެޗު ފަށާނީ މިރޭ 20:30 ގައެވެ.

މިއީ އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީ (ޑަބްލިޔުޑީސީ) އާއި ސައުތު ޕޮލިސް ޑިވިޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގެ ފައިނަލް އޮންނާނީ ނޮވެމްބަރު 1 ވަނަ ދުވަހުގެރޭގައެވެ.