English Edition
Dhivehi Edition

މެލޭޝިޔާގެ އައު ބޮޑުވަޒީރު ދަތޯ ސެރީ އަންވަރު އިބްރާހީމް މެލޭޝިޔާގެ ބޮޑުވަޒީރުކަމަށް ހޮވިވަޑައިގެންނެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އަންވަރު އިބްރާހީމްގެ ލީޑަރޝިޕްގެ ދަށުން މެލޭޝިއާގެ ރައްޔިތުންނަށް އުފާފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖެ އާއި މެލޭޝިޔާއާ ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ މުހިންމު ކަންކަމުގައި މެލޭޝިޔާގެ އާ ބޮޑުވަޒީރާއި، މެލޭޝިޔާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މެލޭޝިޔާގެ އާ ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި ރަނގަޅު ޞިއްޙަތަކަށް އެދިވަޑައިގަންނަވާފައެވެ. އަދި އެމަނިކުފާނުގެ މެސެޖުގައި މެލޭޝިޔާގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުމަށް ވެސް އެދިވަޑައިގެންނެވިއެވެ.