ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން މުހިންމު ދެ ފަހުމުނާމާއެއްގައި ރަސްމީކޮށް ސޮއިކޮށްފި އެވެ.
މި އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި މެލޭޝިއާގެ ޕްރައިމް މިނިސްޓަރު އަންވަރު އިބްރާހިމްގެ ހާޒިރުގަ އެވެ.
މެލޭޝިއާގެ ޕްރައިމް މިނިސްޓަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެންމެ ފުރަތަމަ ސޮއިކުރެވުނީ ދިފާއީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގަ އެވެ. މި އެއްބަސްވުމުގެ ދަށުން، ދިފާއީ ގޮތުން ދެ ގައުމުގެ ދެމެދުގައި މުއާމަލާތްތައް ވަރުގަދަކޮށް، ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ހާއްސަ އޮނިގަނޑެއް އެކުލަވާލެވޭނެ އެވެ.
ދެވަނަ ފަހުމުނާމާއަކީ އިސްލާމްދީނުގެ ކަންކަމުގައި ދެ ގައުމުގެ މެދުގައި އޮތް އެއްބާރުލުން އިތުރުކުރުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ސަބަބުން އިސްލާމީ އެކި ކަންކަމުގައި ދެ ގައުމުން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށް ވަނީ ފާހަގަކުރައްވާފަ އެވެ.
މި ދަތުރުފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ދައުވަތަކަށް މެލޭޝިއާގެ ޕްރައިމް މިނިސްޓަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މި ބައްދަލުވުންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމަށް އިތުރު ބަދަހިކަމެއް އަންނާނެ އެވެ.
މި ރަސްމިއްޔާތުގައި ސޮއިކުރެވުނު މި ދެ ފަހުމުނާމާގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި މުހިންމު އެކި ދާއިރާތަކުން ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރު އާ ހަރުފަތަކަށް ގެންދިއުމަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.