ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް، މެލޭޝިއާގެ ޕްރައިމް މިނިސްޓަރު އަންވަރު އިބްރާހިމްގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ، ރާއްޖެ ވަޑައިގެން އުޅުއްވާ މެލޭޝިއާގެ ވަފުދު ހުންނެވި ނިވާ ކުރުނބާ ރިސޯޓުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މެލޭޝިއާގެ ޕްރައިމް މިނިސްޓަރަށް ރާއްޖެއިން ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ހަރުދަނާ އެކުވެރި ގުޅުމަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ވަރުގަދަކޮށް ދެމެހެއްޓުމުގައި ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
މި ޒިޔާރަތުގެ ތެރޭގައި ދެ ބޭފުޅުން ވަނީ ދެ ގައުމަށް ވެސް މުހިންމު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ޓޫރިޒަމާއި މަތީ ތައުލީމުގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ވެސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދިވެހި ދަރިވަރުންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ހިޔާލު ބަދަލުކުރެވުނެވެ. ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އިތުރު ފުރުސަތުތައް ހުޅވިގެންދާނެ ކަމަށް ބެލެވެ އެވެ.
މެލޭޝިއާގެ ޕްރައިމް މިނިސްޓަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ މެދުގައި އޮތް ރަހުމަތްތެރި ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ އެވެ.