މުޖުތަމަޢުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ގާއިމު ކުރުމުގައި ދުލަކީ ވަރުގަދަ ވަސީލަތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާ ގައި ބުނެފި އެވެ.
ޚުތުބާގައި ބުނީ އިސްލާމް ދީން ގޮވާލަނީ ތިބާގެ ދުލާއި އަތުގެ އަނިޔާވެރިކަމާއި ގޯނާތަކުން މީސްތަކުން ދުރުހެލި ކުރުމަށް ކަމަށެވެ. އަދި މިސްތަކުންގެ ޖާނާއި މާލަށް އަރައި ނުގަތުމަށް ކަމަށެވެ.
މީގެ އިތުރުން މާއްދީ އަދި މާނަވީ ގޮތުން ވެސް އެއްވެސް ދުޝްމަންކަމެއް ނުބޭއްވުމަށް ވެސް އިސްލާމް ދީން ގޮވާލާ ކަމަށް ވަނީ ބުނެފަ އެވެ.
“ދުލުން ގޯނާ ކުރުމާ ދުރުހެލިވުމުގެ މާނައަކީ ނެތިމޮށުމާއި މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމާއި ދެބައޮޑުވުން ފަދަ ކަންކަމުން ދުރުހެލިވުން. ތިބާގެ ދުލުން އެހެން މީހުންގެ ހައްގުތަކަށް އަރައިގަތުމާއި ދުރުހެލިވުން. މީސްތަކުންގެ ހައްގުތައް ނިގުޅައި ގަތުމާ އެއްކިބާވުން. އެހެން މީހުންނަށް އަނިޔާވެރި ވުމުގައި ތިމާގެ ދުލުން އެއްވެސް މީހަކަށް އެހީތެރި ނުވުން.” ޚުތުބާ ގައި ބުންޏެވެ.
އިސްލާމް ދީން ގޮވާލަނީ ބަސް ބުނުމުގައި ޢަދުލުވެރިވުމަށްކަން ހަނދާންކޮށްދީ ޚުތުބާގައި ވަނީ އެހެން މީހުންގެ އުނި ސިފަތަކައިގެން އުޅުމުގެ ބަދަލުގައި އަމިއްލަ ނަފުސު އިސްލާހު ކުރެވޭތޯ މަސައްކަތް ކުރުމަށް ވަނީ ގޮވާލާފަ އެވެ.
ޚުތުބާގައި ބުނީ އަހަރުމެންގެ ކޮންމެ މީހެއްގެ ކިބައިގާ ވެސް އުނި ސިފަތައް ހުންނާނެ ކަމަށާއި ޢައިބުތައް ވެސް ހުންނާނެ ކަމަށެވެ. އަދި އެންމެންނަށް ވެސް ކުށް ކުރެވޭނެ ކަމަށާއި އިސްކަން ދޭންވީ އަމިއްލަ ނަފުސު އިސްލާހު ކުރުމަށް ކަމަށް ވެސް ބުންޏެވެ.