ވ.އާރަށް ކުށްޔަށްދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންނާއި، ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމުގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅުމުގެ ޝަރީއަތުގެ މަޖިލިސް އަންނަ ހަފްތާއަށް ތާވަލްކޮށްފި އެވެ.
ރައީސް ޔާމީނާއި ދެކޮޅަށް، ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ އެރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގަ އެވެ. މިދައުވާގައި ވ. އާރަށް ކުށްޔަށް ދިނުމުން ރައީސް ޔާމީނަށް އެއް މިލިޔަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމް ދެއްވި ކަމަށް ވަނީ ބުނެފަ އެވެ.
އެހެންވެ، ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފަ އެވެ.
މިދިޔަ ދެ ހަފްތާގައި ވެސް މި މައްސަލާގައި، ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުން ކުރިއަށް ގެންގޮސްފައިވާއިރު، އެގޮތުން އެރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާއި ގުޅިގެން ދައުލަތުން އުފުލާފައިވާ ދައުވާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ބައެއް ހެކިންގެ ހެކިބަހާއިމެދު ސުވާލު އުފައްދައި ދޮގުހެކި ދީފައިވާކަން ސާބިތުކޮށް ދިނުމަށް ދައުލަތުން ހުށައެޅުއްވި އައު ހެކިތައް ބަލައިގަނެ، އެހެކިތަކާއި ގުޅޭގޮތުންވެސް ވަނީ ވާހަކަ ދައްކާފަ އެވެ.
މިމައްސަލާގައި ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާ އިއްޔެ ވަނީ ނިންމާލާފަ އެވެ.
މިމައްސަލަ ބައްލަވާ އިސް ޤާޒީ އަހުމަދު ޝަކީލް ވިދާޅުވީ މިމައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑު އެހުން އަންނަ ހަފްތާގެ ބުދަ ދުވަހު ބާއްވާނެ ކަމަށެވެ. ޚުލާސާ ބަޔާނަށްފަހު މިމައްސަލާގައި އިތުރު ކަމެއް ފާހަގަ ކުރަން ނެތްނަމަ ދެން އޮންނަނީ ހުކުމް ކުރުމަށް ބާއްވާ އަޑުއެހުމެވެ.