މެދު އިރުމަތީގެ ޚަބަރު ތަކުން އާންމު ކޮށް އަޑު އިވިގެން ދަނީ ހަނގުރާމައިގެ ވާހަކަތަކެވެ. ނަމަވެސް ވޭތުވެ ދިޔަ ދެދުވަހު ސައުދީން ވަނީ މުޅި ދުނިޔެ ސިއްސުވާލާފައެވެ. ސައުދީގައި ފާއިތުވި 48 ގަޑި އިރު ތެރޭ ހިންގާފައިވާ ކަންކަމަކީ އޭގެ އަސަރު ހަމަ އެކަނި ސައުދީ އަށް ކުރި ކަންކަމެއް ނޫނެވެ. މިއީ މުޅި މެދު އިރުމަތީގެ މަސްރަހަށް ބޮޑު ބަަދަލުތަކެއް ގެނުވަފާނެ ފަދަ ކަންކަމެވެ.
މިކަންތައް ފެށިގެން ދިޔައީ ހޮނިހިރު ދުވަހު ލުބުނާނުގެ ބޮޑު ވަޒީރު ސާދު ހަރީރީ، ސައުދި އަރަބީއްޔާ އަށް ކުރެއްވި ރަސްމީ ދަތުރު ފުޅެއްގައި އެ ގައުމުގައި ހުންނަވާ ޓީވީ މެދު ވެރިކޮށް ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވި ހިސާބުންނެވެ.
ހަރީރީ އެނާ އިސްތިއުފާ ދެއްވަމުން ވިދާޅުވެފައިވަނީ މެދު އިރުމަތީގެ މަސްރަހުގައި އިރާނުގެ ބާރު މާ ގަދަ ވަމުންދާ ކަމަށާއި އެނާ އަވަހާރަ ކޮއްލުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އެނގިފައިވާ ކަމަށެވެ. އަދި އިރާނުގެ ހިޒްބުﷲ ޖަމާއަތުން ލުބްނާނުގައި އަތް ގަދަކުރަން މަސައްކަތް ކުރާ ކަމަށް ވަނީ ތުހުމަތު ކޮއްފައެވެ.
މިކަން ވެގެން ދިޔައީ ލުބްނާނުގެ ރައްޔިތުންނަށް ވެސް ސިހުމަކަށެވެ. ލުބްނާންގެ ބޮޑު ވަޒީރު ކަމާ އޭނާ ހަވާލު ވެފައި ވަނީ މިދިޔަ އަހަރުގައެވެ. މިކަމާ ގުޅިގެން ލުބްނާންގެ ރައީސް މިޝެލް އައޫން ވަނީ އެނާގެ އިސްތިއުފާ ޤަބޫލު ކުރައްވާނީ ހަރީރީ ގައުމަށް އެނބުރި ވަޑައިގެން އިސްތިއުފާ ދެއްވި ސަބަބު ސާފުކޮށް ބަޔާން ކުރުމުން ކަމަށް ވިދާޅު ވެފައެވެ.
ދެން އިވިގެން ދިޔައީ ޔަމަންގެ ހޫތީން ސައުދީ އަރަބީއްޔާގެ ވެރިރަށަށް އަމާޒުކޮށް މިސައިލެއް ފޮނުވާލި ކަމުގެ ޚަބަރެވެ. އެ މިސައިލް ސައުދީން ވަނީ ހުއްޓުވާފައެވެ. ނަމަވެސް ހޫތީން ވަނީ މިސައިލްގެ މަޤްސަދު ހާސިލް ވި ކަމަށް ބުނެފައެވެ. އެއީ ސައުދީގެ ވެރިރަށް ރިޔާދަށް ލޮޅުމެއް ގެނައުމެވެ.
ސައުދީން ވަނީ ރިޔާދަށް ދެވުނު ހަމަލާ އަކީ އިރާނުން ޔަމަންގައި ތިބި ހޫތީންނަށް ވާގި ވެރިވެ ދީގެން ދެވުނު ހަމަލާ އެއް ކަމަށް ތުހުމަތު ކޮއްފައެވެ. އެއީ ހޫތީންނަށް އެންމެ ބޮޑަށް ވާގި ވެރި ވެދޭ ބަޔަކީ އިރާން ކަމަށް ވުމުން ކަމަށް އެފަރާތުން ބުނެއެވެ.
މިސައިލް ހަމަލާގެ ޝޮކުން އަރައި ނުގަނެވެނީސް އިވިގެން ދިޔައީ ސައުދީގެ ރަސްދަރިކަލުންތަކަކާއި އެތައް ބޮޑެތި ވިޔަފާރި ވެރިންތަކެއް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ތަކުގައި ހައްޔަރު ކުރެވިގެން ދިޔަ ވާހަކައެވެ. ހައްޔަރު ކުރެވިގެން ދިޔަ މީހުުންގެ ތެރޭގައި މަޝްހޫރު މަހުޖަން ޕްރިން އަލް ވަލީދް ބިން ތަލާލް ހިމެނެއެވެ. އެނާއާއި އެކު 17 ރަސްދަރިކަލެއްގެ އިތުރުން އިސް އޮފިޝަލުންތަކެއް ވަނީ ހައްޔަަރު ކުރެވިފައެވެ.
އަލް ވަލީދް ބިން ތަލާލް އަކީ ސައުދީގެ ރަސްދަރިކަލެއްގެ އިތުރުން، ކިންގްޑަމް ހޯލްޑިންގްސް ކިޔާ ކުންފުނީގެ ވެރިޔާއެވެ. އެ ކުންފުނީގެ ހިއްސާ ދުނިޔޭގެ މަޝްހޫރު އެޕަލް، ސިޓީ ގްރޫޕް، ޓްވިޓާރ އަދި ނިއުސް ކޯޕް ފަދަ ތަންތަނުގެ އޮވެއެވެ.
މީގެ އިތުރުން މަޝްހޫރު ބިން ލާދީން ކޮންސްޓްރަކްޝަންގެ ވެރިޔާ ބަކްރު ބިން ލާދީންގެ އިތުރުން ކުރީގެ ފައިނޭންސް މިނިސްޓަރަކު ވެސް ވަނީ ހައްޔަރު ކުރެވިފައެވެ.
ސައުދީންވަނީ މި މީހުންގެ އެކައުންޓުތައް ފްރީޒް ކޮއްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި މީހުން ހައްޔަރު ކުރެވުނީ ސައުދީ ރަސްގެފާނު އުފެއްދި ކޮމެޓީއެއްގެ ދަށުންނެވެ. މި ކޮމެޓީގެ އިސް ވެރިއަކީ ސައުދީ ވަލީ އަޙްދު މުހައްމަދު ބިން ސަލްމާން އެވެ.
މީގެ އިތުރުން އެންމެ ފަހުން ސައުދީ ގެ ރަސް ދަރިކަލެއްވަނީ ހެލިކޮޕްޓަރެއް ވެއްޓުމުގެ ސަބަބުން އަވަހާރަ ވެފައެވެ. ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ މިކަން ތަހުގީގު ކުރަމުންނެވެ. ނަމަވެސް އަދި ސީދާ ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބެއް ނޭނގެއެވެ.
ކޮންމެ ގޮތަކަށް ބެލިޔަސް މި ކަންކަމުގެ ސަބަބުން މެދު އިރުމަތީގެ މަސްރަހަށް ބޮޑެތި ބަދަލު ތަކެއް އަންނާނެއެވެ. އިރާނާއި ސައުދީ އަރަބީއްޔާ ދެމެދު މިވަނީ ނުތަނަވަސް ކަން އިތުރު ވެފައެވެ. ލުބްނާންގެ ބޮޑު ވަޒީރު އިސްތިއުފާ ދިނުމުގައި ސައުދީގެ އަތެއް ވާކަމަށް އެއްބަޔަކު އެބަ ތުހުމަތު ކުރެއެވެ. އަދި ޔަމަނަށް ވައިގެ މަގުން ސައުދީން ހަމަލާ ދިނުން މިވަނީ އިތުރު ކޮއްފައެވެ. މި ކަންކަން ވެގެން ދަނީ ކުރިއަށް އޮތްތާ މެދު އިރުމަތީގެ މަސްރަހަށް ބަދަލު ގެނުވާނެ ކަންކަމަށެވެ.