English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރުގައި ވަރުގަދަ ގޮވުންތަކެއް ގޮވި ހާދިސާއާއި ގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، އެ ޤައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖެ އޮތީ ލުބުނާނާއެކު ކަމަށާއި، އެ ހާދިސާގައި ނިޔާވި ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކުގެ އިތުރުން އެ ހާދިސާގެ އަސަރު ކޮށްފައިވާ އެންމެންނާއެކުވެސް ރާއްޖެ އޮތް ކަމަށެވެ.

ރޭ ހިނގި އެ ހާދިސާއާއި ގުޅިގެން ލުބުނާންގެ ރައީސް، މައިކަލް އައުން މިއަދު ބޭއްވެވި ކެބިނެޓްގެ ކުއްލި ބައްދަލުވުމެއްގައި ވިދާޅުވީ ދެ ހަފްތާގެ މުއްދަތަށް ކުއްލި ޙާލަތު އިޢުލާންކުރަން ޖެހޭ ކަމަށެވެ. “އަލްޖަޒީރާ” އިން ރިޕޯޓްކުރާ ގޮތުގައި އެ ހާދިސާގައި މިހާތަނަށް މަދުވެގެން 100 މީހުން މަރުވެފައިވާއިރު، 4،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ.

ރޭގެ ބާރުގަދަ ގޮވުންތަކުގެ އަސަރު މުޅި ސިޓީއަށް ކޮށްފައިވާއިރު، އޮފިޝަލުން ލަފާކުރާ ގޮތުގައި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމަށެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ ހަ އަހަރު ވަންދެން ބަނދަރު ސަރަޙައްދުގެ ގުދަނެއްގައި ރައްކާކޮށްފައި ހުރި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓްގައި ރޯވެގެންނެވެ.