English Edition
Dhivehi Edition

ސައުދީ އަރަބިއްޔާގެ ޕްރިންސެއް ކަމަށްވާ މަންސޫރު ބިން މުޤްރިން އަލް ސައުދު، ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި އޭނާ އަވަހާރަ ވެއްޖެއެވެ.

ޕްރިންސް މަންސޫރު ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓިފައިވަނީ ސައުދީގެ ހުޅަނގު ދެކުނުން، ޔަމަން ބޯޑަރާ ކައިރިއަށެވެ. މިހާދިސާގައި އޭނާގެ އިތުރަށް އަރިހުގައި ދަތުރުކުރި 7 މީހަކުވެސްވަނީ މަރުވެފައެވެ.

ޕްރިންސް މަންސޫރަކީ ސައުދީއަރަބީއްޔާގެ އާސީރު ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރެވެ. މި ހާދިސާ ހިނގީ އާބާ ސިޓީގެ ހުޅަނގުގައި ސައުދީ ސަރުކާރުން ކުރިއަށް ގެންދަވާ ބައެއް ޕްރޮޖެކްޓްތައް ބައްލަވައި ދަތުރު ކުރައްވަނިކޮށެވެ.

ސައުދީ އިންޓީރިއާ މިނިސްޓްރީން ހޯމަދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ވެއްޓުނު ހެލިކޮޕްޓަރު ފެނިފައިވާ ކަމަށެވެ. ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބު ހޯދުމަށް މިހާރު ގެންދަނީ ތަހުގީގު ކުރަމުން ކަމަށް އެބަޔާނުގައިވެއެވެ.

ޕްރިންސް މަންސޫރަކީ ކުރީގެ ވަލީއަޙްދެއް ކަމަށްވާ ޕްރިންސް މުޤްރިން ބިން އަބްދުލް އަޒީޒް ގެ ދަރިކަލެކެވެ. މަންސޫރަށް އާސިރު ޕްރޮވިންސް ގެ ޑެޕިއުޓީ ގަވަރުނަރު ކަން ދެއްވާފައިވަނީ މިއަހަރު ކުރީ ކޮޅުގައެވެ.