English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގިއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި ކުރިނބީ ކައުންސިލާއި، އތމ ކޮމިޓީގެ މެމްބަރުން ވަނީ ކުރިނބީގެ ތަރައްގީއަށް މިހާރު ހިންގެމުންދާ މަޝްރޫއުތަކާއި އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތު ރައީސް އާއި ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް 100 އަހަރަށް އަމާޒުކޮށް ކުރިނބީ ކައުންސިލުން އެކުލަވާލާފައިވާ ލޭންޑްޔޫސް ޕްލޭންގެ މައުލޫމާތު އެކައުންސިލުން ވަނީ ރައީސްއާއި ހިއްސާކުރައްވާފައެވެ. އަދި ކުރިނބީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ ދަތިކަމާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ރަށުގެ ރައްޔިތުން މޫދަށް އެރޭނެ ތަނެއް ނެތުމުގެ ދަތިކަން ހިމެނެއެވެ.

ކުރިނބީ ކައުންސިލުން ފާހަގަކުރެއްވި ގިނަ ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ ކައުންސިލް އިދާރާގެ މަސައްކަތާއި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ފާހަގަކުރައްވާފައެވެ، އަދި ރަށުގެ ބަނދަރުގެ ސައިޒް ބޮޑުކުރުމަށް ރައްޔިތުން ބޭނުންވާތީ އެކަމުގައ ހޯދޭނެ ހައްލަކާއި ގުޅޭ ގޮތުން ގުޅުންހުރި އިދާރާތަކާއި އެކު މަޝްވަރާކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ. އަދި ރަށުގައި މޫދަށް އެރޭނެ ސަރަހައްދެއް ހެދުމުގެ މަސައްކަތް ބަނދަރުގެ މަސައްކަތް ކުރިޔަށްދާއިރު އެމަސައްކަތާއި އެކު ކުރިޔަށް ގެންދެވޭނެ ގޮތެއް ބައްލަވައި ދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ކުރިނބީ ކައުންސިލުން ވަނީ، އެރަށުގެ ތަރައްގިއަށް މިހާތަނަށް އެންމެ ގިނަ މަސައްކަތްތައް ކޮށްދެއްވާފައި ވަނީ މިސަރުކާރުންކަން ފާހަގަކުރައްވައި، ރައީސްއަށް ބައްދަލުކުރެއްވުމުން ރައްޔިތުން އިތުރަށް ބޭނުންވާ ކަންކަން ފުރިހަމަވެގެންދާނެކަމުގެ ޔަގީންކަން ލިބިގެންހިނގައްޖެކަމުގައި ވިދާޅުވެފައެވެ.