English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އއ. އަތޮޅުގެ 3 ރަށަކަށް ކުރި ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށާއި މި ދަތުރުގައި އެ ޕާޓީއަށް އައު މެމްބަރުންތަކެއް ސޮއި ކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

މިހަފްތާ ބަނދުގައި ކުރި މި ދަތުރުގައި އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް އާއި ޕާޓީގެ ސެންޓްރަލް ރީޖަންގެ ޓީމުން ވަނީ ތޮއްޑޫ، އުކުޅަސް އަދި ރަސްދޫއަށް ޒިޔާރަތް ކޮށްފަ އެވެ.

މިއީ ޕާޓީގެ މެންބަރޝިޕް އިތުރުކުރުމަށާއި އާ ރަށްތަކަކަށް ޕާޓީ ތަޢާރަފުވެލުމަށް ކުރި ދަތުރެކެވެ.

މިދަތުރުގައި ޕާޓީގެ ރައީސްގެ އިތުރުން ނާއިބު ރައީސް މިރްފަތު އިސްމާޢީލް ޝަފީޤް އަދި ނާއިބު ރައީސް ޙުސައިން އިސްމާއީލް ބައިވެރިވެވަޑައިގަތެވެ. އަދި ޕާޓީގެ އެކި ދާއިރާތަކުގެ ރައީސުންނާއި އއ. އަތޮޅަށް ނިސްބަތްވާ ޕާޓީގެ މެންބަރުން މިދަތުރުގައި ބައިވެރިވި އެވެ.

އެ ޕާޓީގެ މި ދަތުރުގައި ތޮއްޑޫގައި ޕާޓީގެ ރައީސް ނާޒިމް ވަނީ އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާ ރަށުގެ ހާލަތު ބައްލަވާ ފައެވެ. އަދި ރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގައި ރައްޔިތުންގެ މަޖިލީހުގައި އެހީތެރިވެދެއްވެން ހުރި ދާއިރާތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން ތޮއްޑޫގެ ބައެއް ކްލަބް ޖަމުޢިއްޔާތަކާ ބައްދަލުކުރައްވާ، މިދަތުރުގެ މަޤްޞަދާއި ޕާޓީގެ ސިޔާސަތުތައް ތަފްސީލުކޮށްދެއްވާފައިވާިއރު، ތޮއްޑޫއިން ބައްދަލުކުރި ކްލަބް ޖަމުޢިއްޔާތަކުގެ ތެރޭގައި މަޝްހޫރު ތޮއްޑޫ ސޯސަން ކްލަބާއި ތޮއްޑޫ ބްރައިޓް ކްލަބް ފާހަގަކޮށްލެވެ އެވެ.އަދި ތޮއްޑޫ އަންހެނުންގެ ވޮލީ ޓީމާއި ރަށުގެ ބޮޑުބެރު ގްރޫޕަކާއި ރަށުގެ ބައެއް ޒުވާންނުން ވެސް ހިމެނެ އެވެ.

އެރަށުގައި، އެމްއެންޕީގެ ސެންޓްރަލް ރީޖަންގެ ޓީމުން ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތްތަކެއް ކުރިޔަށް ގެންގޮސްފައިވާއިރު، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ޕާޓީއާ ގުޅިފަ އެވެ. އެގޮތުން ތޮއްޑޫ ކުރީގެ ކަތީބު މުޙައްމަދު ނަސީމް ފާހަގަކޮށްލެވެ އެވެ.

ނަސީމާއި ޕާޓީއާ އަލަށް ގުޅުނު މެންބަރުންނާއެކު އެމްއެންޕީގެ ހަރަކާތްތައް ތޮއްޑޫ ހިމެނޭ ސެންޓްރަލް ރީޖަންގައި އިތުރަށް ވަރުގަދަވެގެންދާނެކަމުގައި ޕާޓީގެ ނާއިބު ރައީސް މިރްފަތު ވިދާޅުވި އެވެ.

އެ ޕާޓީން އުކުޅަސް އަދި ރަސްދޫއަށް ޕާޓީގެ ރައީސް ނާޒިމް ވަނީ ދެރަށުގެ ވެސް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާ އެރަށްތަކުގައި ކުރެވެމުންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މައުލޫމާތު ވަނީ ހޯއްދަވާފަ އެވެ.

ޕާޓީގެ ރައީސް ފާހަގަކުރެއްވި ގޮތުގައި އުކުޅަހާއި ރަސްދޫއަކީ ޓޫރިޒަމް ހަރަކާތްތައް އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ދެ ރަށް ކަމަށާއި، ސަރުކާރަށް އެންމެ ގިނަ އަދަދަކުން ޓެކްސް ދައްކާ ރަށްތަކުގެ ތެރޭގައި ދެ ރަށް ހިމެނޭކަމުގައި ވިދާޅުވި އެވެ. ނަމަވެސް ދެރަށުންވެސް ޓެކްސް ދައްކާ މިންވަރާ ބަލާއިރު ދައުލަތުގެ ބަޖެޓު އެކުލަވާލެވިގެން އަންނަ އިރު، މިރަށްތަކަށް ކަނޑައެޅިފައިވާ ބަޖެޓުގައި އެކަމަށް ރިއާޔަތްކުރެވިފައި ނެތްކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެގޮތުން ބަޖެޓުގެ ދިރާސާކުރުމާއި ބަހުސްގެ މަރުހަލާގައި އެމްއެންޕީގެ ފަރާތުން އެކަންކަމަށް ވަކާލާތުކޮށް ބަޖެޓު ފާސްކުރުމުގައި އެކަންކަމަށް ރިއާޔަތްކުރަން ބާރުއަޅުއްވާނެ ކަމުގައި ޕާޓީގެ ރައީސް ނާޒިމް ފާހަގަކުރެއްވި އެވެ.

އުކުޅަހާއި ރަސްދޫގެ ބައެއް ޒުވާނުންނާއި، ޖަމުޢިއްޔާތަކާ ޕާޓީގެ ރައީސް ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ދެ ރަށުގެ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވާ ޕާޓީ ތަޢާރަފްކޮށް ޕާޓީގެ ސިޔާސަތުތައް އޮޅުންފިލުވާދެއްވާ ޕާޓީއާ ގުޅުމަށް ދަޢުވަތު ދެއްވި އެވެ.

އެގޮތުން ގިނަ އަދަދެއްގެ ރައްޔިތުން ދެރަށުން ވެސް ޕާޓީއާ ގުޅުނުކަން ފާހަގަކޮށް، އެމްއެންޕީ އިން ވަނީ އެ ޕާޓީއާ ގުޅުނު ހުރިހާ ފަރާތްތަކަށް މަރުޙަބާ ދަންނަވާފަ އެވެ. އަދި ޕާޓީގެ ރައީސް ނާޒިމް ވަނީ ޤައުމީ ފިކުރާއެކު ކުރިއަށް ދިއުމަށް ނިންމިކަމަށްޓަކައި އެހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ.

ޕާޓީގެ ރައީސް ބައިވެރިވެވަޑައިގެންނެވި އެމްއެންޕީ އއ. އަތޮޅު ދަތުރުގެ އިތުރުން ހަމަ މިހަފްތާ ބަނދުގައި އެމްއެންޕީގެ ނާއިބު ރައީސް މުޙައްމަދު ޝިހާބު އަދި ޕާޓީގެ އަންހެނުންގެ ވިންގގެ ލީޑަރ މަރްޔަމް ޢާދިޔާ ހިމެނޭހެން ޓީމެއް ވަނީ އަޕަރ ނޯތު ރީޖަނަށް ވެސް ކާމިޔާބު ދަތުރެއްކޮށް ނިންމާލާފަ އެވެ.

މިދަތުރުގައި ކުޅުދުއްފުށި ސިޓީ، ހއ. ހޯރަފުށި، ހއ. ކެލާ އަދި ހދ. ހަނިމާދޫއިން ގިނަ އަދަދެއްގެ ބޭފުޅުން ވަނީ އެމްއެންޕީއާ ގުޅިފަ އެވެ. ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ އިތުރު ދަތުރުތަކެއް ކުރިއަށް ވަނީ ރޭވިފަ އެވެ.