English Edition
Dhivehi Edition

އެއްވެސް ރައްޔިތަކު ތަފާތުކުރެއްވުމެއް ނެތި ވަޢުދުވެވަޑައިގެންނެވި ގޮތަށް ކަސިޔާރު ކަމެއް ނެތި، ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި 4 އަހަރު ހޭދަކުރައްވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ 4 އަހަރު ކުރީގައި އެމަނިކުފާނު ޤައުމުގެ ވެރިކަމާ ޙަވާލުވެވަޑައިގަތް އިރު ޤައުމު އޮތް ޙާލަތަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، އެދުވަހު ޤައުމުގައި އޮތީ ހާސްކަމާއި ކަންބޮޑުވުމާއި، ބިރުވެރިކަން ކަމަށާއި، އެ ދުވަހު ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމުގައި، ކަށަވަރުކަމެއް ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ވެސް ސިޔާސީ ލީޑަރުން ތިއްބެވީ ބިރުވެރިކަމުގެ ތެރޭގައި ކަމަށާއި، ރާއްޖެ އޮތީ ބައިނަލްއަޤްވާމީ ދުނިޔެއާއި އެކަހެރިވެފައި ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 4 އަހަރު ކުރިން ރައްޔިތުން ބޭނުންވި އެންމެ ބޮޑު ބަދަލަކީ، އިންސާފުގެ މަގަށް ވެރިކަން ހިންގުން ރުޖޫޢަކުރުން ކަމަށާއި، ދެފުށްފެންނަ، ޖަވާބުދާރީ ކުރުވެނިވި، ޤާނޫނު އަސާސީގެ ތަރަޙައިގެ މައްޗަށް، ދައުލަތް ބިނާވުން އޭގެތެރޭގައި ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި، އެއްވެސް ރަށެއް އަދި އެއްވެސް ރައްޔިތަކު ބާކީ ނުވެ، މިނިވަންކަމާއެކު ހެލިފެލިވެ ދިރިއުޅުން އާރާސްތު ކުރެވޭނެ މާޙައުލެއް ޤާއިމްވުމަށްވެސް އެދުވަހު ރައްޔިތުން ބޭނުންވި ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި 4 އަހަރު ކުރިން އެމަނިކުފާނު ޙަވާލުވެވަޑައިގެންނެވި މަސްއޫލިއްޔަތު ބިނާވަނީ، ވަކި ޚާއްޞަ ބަދަލުތަކެއްގެ މައްޗަށެވެ. އަދި، އޭގެ ފެށުމަކީ އިދާރީ ގޮތުން ރާއްޖެ ހިނގަމުން މިދާ ލާމަރުކަޒީ ބޮޑު ބަދަލު ގެނައުންކަމުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފަ އެވެ.

މީގެ އިތުރުން ވެސް އާމްދަނީއާ ވަޒީފާތައް ރައްޔިތުންނާ ގާތްވާނެ ހަމަހަމަ، ހަމަތަކެއް، މި 4 އަހަރުގެތެރޭ ސަރުކާރަށް ހޯދިއްޖެކަމަށާއި، ޖީބަށްލުއި، ބާރުދުވެލީގައި ރަށްތައް ގުޅާލެވޭނެ ދަތުރުފަތުރުގެ ނިޒާމެއް ތަޢާރަފް ކުރެވިއްޖެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފަ އެވެ.